ރާއްޖޭގައި އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ މައްސަލަ އެންމެ ބޮޑަށް ގޯސްވީ ސިޔާސީ އޮއިވަރުގެ ތެރެއިން ރޭވުންތެރިކަމާއެކު އެކަން ނައްތާލުމުން ކަމަށާއި، ނަމަވެސް އެކަން އަލުން ރަނގަޅުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރޫޙު ކުޑަވަމުންދާ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މި މައްސަލަ އެންމެ ބޮޑަށް ގޯސްވާން ފެށީ ރާއްޖެއަށް ސިޔާސީ އޮއިވަރު އައި ހިސާބުން ކަމަށެވެ.
''އިޙްތިރާމް އަދާކުރުމުގެ މައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑު މައްސަލައެއް. ޙަޤީޤަތުގައި އަޅުގަނޑަށް ހީވަނީ، ސިޔާސީ އޮއިވަރު ރާއްޖޭގައި ފެށުނު ހިސާބުން ވަރަށް ބޮޑު ތަނުން މި މައްސަލަ ގޯސްވާން ފެށީ. ބާރު ސްޕީޑްގައި ގޯސްވާން ފެށީ. އޭގެ ކުރީގައިވެސް މަޑުމަޑުން ގޯސްވާން ފަށާފައި އޮތީ. އެހެންނަމަވެސް، ބޮޑަށް އެކަން ގޯސްވީ އެ ހިސާބުން. އެއީ، ސިޔާސީ ބޭނުމެއްގައި އަޅުގަނޑުމެންގެ ތެރޭގައި، ހަމަ އިޙްތިރާމް އަދާކުރުމުގެ ރޫޙު ހަމަ ނައްތައިލެވުނީ ހަމަ ސްޓްރަކްޗަރޑް ގޮތަކަށް އިނގޭތޯ.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، ސިޔާސީ ބޭނުންތަކަށްޓަކައި، ރޭވުންތެރިކަމާއެކު މީހުންގެ މެދުގައި އޮންނަންޖެހޭ އިޙްތިރާމް ކުރުމުގެ ސިފަ ނައްތާލުމަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި، ޚާއްޞަކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކުޑަކޮށް، މީހުންގެ އަގު ވައްޓާލުމުގެ ސަގާފަތެއް އާލާކުރިކަމަށެވެ.
''އޭރުގެ އިދިކޮޅު ފަރާތްތަކުން، ސަރުކާރާ ދެކޮޅަށް، ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ ވެރިންނާ، މިހެންގޮސް އެތައް ފަރާތްތަކަކާ ދެކޮޅަށް ހަމަ އެ ފަރާތްތަކުގެ ކެރެކްޓަރ އެސޭސިނޭޓް ކުރުމާއި، އިޙްތިރާމް އަދާކުރުމަކީ އެއްގޮތަކަށްވެސް މުހިންމު ކަމެއް ނޫންކަން ހަމަ އިންސްޓިލް ކުރީ މީހުންގެ ސިކުނޑީގައި. ޒުވާނުންގެ ސިކުނޑީގައާއި އެކި ފަރާތްތަކުގެ. ރައްޔިތުންނަށް އޮންނަންޖެހޭ، ބޮޑެތި މީހުންނަށް ކުރަންޖެހޭ އިޙްތިރާމާއި އެ ރެސްޕެކްޓް ނައްތާލީ ހަމަ ޙަޤީޤަތުގައި ސްޓްރަކްޗަރޑް ގޮތަކަށް'' ރައީސް ވިދާޅުވެފަވެއެވެ.
ގްލޯބަލައިޒޭޝަންގެ ސަބަބުން މުޖުތަމައަށް އައިސްފައިވާ ބަދަލުތަކާއެކުވެސް، އަދަބު އަޚްލާޤާއި އިޙްތިރާމް ކުރުމުގެ ސިފަތައް އަލުން އާލާކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށްޓަކައި ފަށާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން" އަކީ ހަމައެކަނި ކެމްޕެއިނެއް ނޫން ކަމަށާއި، މިއީ މުޅި ޤައުމު ޝާމިލްވާ ބޮޑު މަސައްކަތެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މި މަސައްކަތަކީ ކުރު މުއްދަތަކުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި، މިހާރު ކުރިއަށްދަނީ މި ޕްރޮގްރާމް ރޭވުމުގެ އިބްތިދާއީ ބައްދަލުވުންތަކާއި ވޯކްޝޮޕްތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރައްވާފައިވެއެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ތުއްތު ކުދިންނާއި، ގޭތެރެއާއި، ސްކޫލްތަކާއި، އޮފީސްތަކުގެ އިތުރުން ކުޅިވަރުގެ މައިދާނާއި ސިޔާސީ ދާއިރާ ހިމެނޭހެން މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި އިޙްތިރާމް ކުރުމުގެ ސިފަ އަށަގަންނުވައި، މަސައްކަތުގެ މާހައުލުގައިވެސް މިކަން އާލާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން ތަފާތު ޚިޔާލުތައް ހުރި ނަމަވެސް، އެއީ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކުރާ އިޚްލާޞްތެރި މަސައްކަތަކަށް ވާންޖެހޭނެ ކަމަށެވެ. ޤައުމުގައި ހުރި ނުރަނގަޅު ކަންކަމަކީ އަމިއްލައަށް އިސްލާޙު ކުރެވިދާނެ ކަންކަން ކަމަށާއި، މިކަމުގައި ސަރުކާރުގެ އިތުރުން ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވެފައިވާގޮތުގައި، ޤައުމެއްގެ ކުރިއެރުމަކީ ހަމައެކަނި އުސް އިމާރާތްތަކެއް ބިނާކުރުން ނޫން ކަމަށެވެ. އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި، ލޯތްބާއި، ދީނީ ކަންކަމަށް ދޭ ސަމާލުކަން ނެތިއްޖެނަމަ ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
''އެކަން ކުރުމަށްޓަކައި އިސްނަގަނީ މި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ. ނަގައިގެން އަޅުގަނޑުމެންގެ ސަރުކާރުން އެކަނި ކުރާ ކަމަކުންނެއް ނުވާނެ. މިއީ އެންމެން އެންމެންނަށްޓަކައި ކުރާ ކަމެކޭ. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރާ ކަމެކޭ މިއީ. އަޅުގަނޑު ކުރިން މި ދަންނަވާލި ގޮތަށް ހެދިދާނެއޭ، 50 ބުރީގެ 100 އިމާރާތްވެސް ރާއްޖޭގައި. ހެދިޔަސް ކޮން ބޭނުމެއް އޮތީ. އަޅުގަނޑުމެންގެ ތެރޭގައި އެކަކު އަނެކަކަށް އިޙްތިރާމް އަދާނުކުރޭ. އަޅުގަނޑުމެން އެކަކު އަނެކަކަށް އެއްވެސްކަހަލަ ލޯތްބެއް، ކުލުނެއް ނެތް. އަޅުގަނޑުމެން ދީނަކަށް އިޙްތިރާމެއް އަދައެއްނުކުރޭ. ދީނުގައި އޮންނަ ކަންކަމެއް ނުކުރޭ. ނޫނީވިއްޔާ އަޅުގަނޑުމެންގެ ތެރޭގައި ހުރިހާ ގޯސް އާދަތަކެއް އޮންނަންވެއްޖިއްޔާ ޤައުމެއް ނެތް. މިނިވަންކަމެއް ނޯންނާނެ އޭރަކުން.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!