ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެން ސައޫދީއަރަބިއްޔާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ މުޝީރެއްކަމަށްވާ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ފުރައިވަޑައިގެންފިއެވެ.

ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބަކީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމުގެ އިތުރުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ.

Ad
rt

ޕްރިންސް ޑރ. މަންޞޫރު ރާއްޖެ ވަޑައިގަތީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތަކަށް، ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުންނެވެ.

މި ދަތުރުފުޅުގެ ތެރެއިން ޕްރިންސް ޑރ. މަންޞޫރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވެސް ބައްދަލުކުރަށްވާފައެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ޝަރަފްވެރި މެހްމާން ޕްރިންސް ޑރ. މަންޞޫރުގެ އިތުރުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ވެސް ވަނީ މިނިވަންދުވަހުގެ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެ އިތުރުން ވެސް 43 ޤައުމަކުން އަދި އދ. ގެ 5 އޭޖެންސީއަކާއެކު، 113 ޑިޕްލޮމޭޓުން ވަނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

އެޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިކަން ފާހަގަކުރަށްވައި މިއީ، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް ބޭރުގެ ޑިޕްލޮމޭޓުން ބައިވެރިވި މިނިވަންދުވަސްކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.