އިޒުރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ނާދެވޭނެކަމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ފަޚްރުވެރިކަމާއެކު ނިންމެވި ނިންމެވުމެއް ކަމަށާއި، އެ ނިންމެވުން އެގޮތުގައި ދަމަހައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހީންނަށް އިސްކަންދޭ ސިޔާސަތެއް ކަމަށެވެ. އަދި މިއީ ކުރީގެ ބައެއް ސަރުކާރުތަކުން ގެންގުޅުނު ފަދަ "ގޮނޑިކޮއްކޮ" ޚާރިޖީ ސިޔާސަތެއް ނޫން ކަމަށާއި، މި ސަރުކާރުން އިސްކުރާނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ޖިހާދާއި އިޒުރޭލާ މެދު ގެންގުޅޭ ސިޔާސަތު

އިޒުރޭލާ މެދު ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިޒުރޭލު ފިޔަވައި ދުނިޔޭގެ ހުރިހާ ޤައުމަކާވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ.

"މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީގެ ދަށުން އަޅުގަނޑުމެން ގާތް ގުޅުން އޮންނާނެ، މުޅި ދުނިޔޭގެ ހުރިހާ ޤައުމަކާ އިޒްރޭލު ފިޔަވާ. ސަބަބަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެވެސް ހިތުގެ އެންމެ ފުން ނާރުތަކާ ގުޅިފައިވަނީ، ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ޖިހާދު. ފަލަސްޠީނުގެ ރައްޔިތުންނަށް އެ ކުރަމުންދާ އަނިޔާ، އެ ޖެނެސައިޑް އަޅުގަނޑުމެންގެ ދިވެހިން ގަބޫލެއްނުކުރޭ. އެހެންވީމާ، އެ ޖެނެސައިޑް ހިނގަމުންދާހާ ހިނދަކު، އަދި ހަމަ ޔަޤީނުންވެސް މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރަމުންދާހާ ހިނދަކު، އެކަން އަޅުގަނޑުމެން ހިފަހައްޓާނީ އެ މިންގަނޑުގައި." ރައީސް ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖެނެސައިޑް ދިވެހިން ޤަބޫލުނުކުރާ ކަމަށާއި، އެކަން ހިނގަމުންދާހާ ހިނދަކު ސަރުކާރުގެ ނިންމެވުން ބަދަލުނުވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިޒުރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމީ ދިވެހި ރައްޔިތުންގެ ވިންދާއި އިޙްސާސާ އެއްގޮތަށް ކަމަށެވެ. އަދި މީގެ ކުރިން ބައެއް ސަރުކާރުތަކުން ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެ، ޕްރޯ-އިޒުރޭލް ސިޔާސަތެއް ގެންގުޅުނު ނަމަވެސް، މި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ އިސްލާމީ އުއްމަތާއި ދިވެހިންގެ މަޞްލަޙަތަށް ކަމަށް ވިދާޅުވިއެވެ.

ޞުލްޙައަށް އިސްކަންދިނުން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ އަބަދުވެސް ޞުލްޙައަށް ލޯބިކުރާ ޤައުމެއް ކަމަށެވެ. ޚިޔާލު ތަފާތުވުންތައް ކަނޑިބަޑިން ޙައްލުކުރުމަކީ މި ސަރުކާރުން ޤަބޫލުކުރާ ހަމައެއް ނޫން ކަމަށާއި، ހުރިހާ ކަމެއްގައިވެސް ޞުލްޙަވެރިކަން އިސްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.