ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކުރިއަށް ގެންދިޔަ ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ރޯލްއައުޓް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ކޭއާރުއެޗުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚަދީޖާ އަލީ އާއި، ޓްރެއިނިން ކޯޑިނޭޓަރ ރަމްލާ ވަޖީހު އަދި ޕީއެޗްސީ ކޮންސަލްޓަންޓް ފަތުހުﷲ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައިވެއެވެ. އެ ބޭފުޅުންގެ ވާހަކާގައި ރަށްރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމުގައި މިފަދަ ތަމްރީނުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ކޭއާރުއެޗް އިން ބުނެފައިވާ ގޮތުގައި، މި ރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ސީނިއަރ ރެޖިސްޓަރޑް ނަރުސް އާމިނަތު އަހުމަދު ވަނީ ޝުއޫރު ފާޅުކޮށްފައެވެ. އޭނާގެ ވާހަކައިގައި، ހދ. އަތޮޅުގެ ސިއްހީ ހިދުމަތްތެރިން މި އާ އުކުޅުތަކާއި ސްޓްރެޓެޖީތައް އަމަލީ މައިދާނުގައި ތަންފީޒުކުރުމަށް ތައްޔާރަށް ތިބިކަން ފާހަގަކުރިއެވެ.
މި ތަމްރީނުތަކުގެ މައިގަނޑު މަގްސަދަކީ ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް އާލާކޮށް، ރައްޔިތުންނާ ގާތުން ދެވޭ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރުމެވެ. މި ތަމްރީނު ނިމުމަކީ ހދ. އަތޮޅުގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކޭއާރުއެޗް އިން ސިފަކުރެއެވެ.
މި ޖުލައި މަހުގެ 13 އިން 16 އަށް ކުރިއަށްދިޔަ މި ތަމްރީނުތަކަކީ ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!