ސައުދީ އަރަބިއްޔާގެ މަދަނީ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި، އެ ޤައުމާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ.

ސައޫދީ ދައުލަތުގެ މީޑިއާއިން ސިފަކޮށްފައިވާގޮތުގައި މިއީ ސައުދީ އަރަބިއްޔާގައި އަމާންކަމާއެކު ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ދިގު މުއްދަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށް ވެވުނު މުހިންމު ތާރީޚީ އެއްބަސްވުމެކެވެ.

Ad
rt

މި އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާނެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓްއެވެ.

"123 އެގްރީމެންޓް" ގެ ނަމުން މަޝްހޫރުވެފައިވާ މި އެއްބަސްވުމާއެކު، ދެ ޤައުމުގެ ދެމެދުގައި ރައްކާތެރިކަމުގެ އިތުރު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ ކުރިއަށް އޮތް އެތައް އަހަރަކަށް ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްދޭނެ ބިންގަލެކެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް، ނިއުކްލިއާ ހަކަތަ ފެތުރުން ހުއްޓުވުމާއި، އޭގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު ސައުދީގެ މަދަނީ ނިއުކްލިއާ މަޝްރޫޢުތައް ފުޅާކުރުންކަމަށް އެމެރިކާއިން ބުނެފަވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކަށް ސައުދީ އަރަބިއްޔާގެ ނިއުކްލިއާ ހަކަތައިގެ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާއަށް އިތުރުވަމުންދާ ހަކަތައިގެ ބޭނުންތައް ފުއްދުމަށް މިކަމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވީ، މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ވަރުގަދަކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ތަނަވަސްކަމާއި ސަލާމަތްތެރިކަން ހޯދައިދިނުމަށް އޮތް އަޒުމެވެ. އަދި މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ ނިއުކްލިއާ ޓެކްނޮލޮޖީ ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓްކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިއްތިޙާދުގެ ސަބަބުން އެމެރިކާގެ ނިއުކްލިއާ ޓެކްނޮލޮޖީ އިތުރަށް ފުޅާވެ، އެ ޤައުމުގައި އާމްދަނީ ބޮޑު ވަޒީފާތައް އުފެދިގެންދާނެކަމަށް ސައޫދީ ދައުލަތުގެ މީޑިއާއިން ބުންޏެވެ. އަދި ހަމައެއާއެކު، ވޮޝިންޓަނާއި ރިޔާޟާ ދެމެދު އޮތް ސްޓްރެޓީޖިކް ގުޅުން އިތުރަށް ބަދަހިވެ، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަވެގެންދާނެ ކަމަށް ދެ ޤައުމުންވެސް އުއްމީދު ކުރެވޭކަމަށް ވެސް ސައޫދީގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ.