ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައި ނިމި، މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނިގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު މި މަޝްރޫޢޫގެ ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ ބޭރުތޮށީގައި ހިލަ ޖެހުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ޖުމްލަ 47.09 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން ބިލެތްފަހީގެ އުމްރާނީ ތަރައްޤީއަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި އައު ބަނދަރާއި ނެރު ފުންކުރުމާއި، ބޭރުތޮށި ޖެހުމާއި ރިވެޓްމެންޓް ޖެހުމާއި، ކީވޯލް ޖެހުމާއި މޫރިންގ ބްލޮކްސް ހަރުކުރުކުރުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި އަދި ޕޭވްމެންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން، ބިލެތްފަހީގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!