ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ 16 މިސްކިތަކާއި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ދެ ގޮފީގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމައި ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އިސްލާމީ ދާއިރާގެ މި މަޝްރޫޢުތައް ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ.
''މާތް ﷲ އިރާދަކުރެއްވިއްޔާ އިސްލާމީ ދާއިރާގެ މަޝްރޫޢުތަކުގެ ތެރެއިން 16 މިސްކިތާއި، ޤުރްއާން މަރުކަޒުގެ ގޮފީގެ 2 މަޝްރޫޢެއް އަންނަ ރޯދަމަހުގެ ކުރިން ނިމިގެންދާނެ.'' ވަޒީރު ވިދާޅުވެފަވެއެވެ.
މީގެ އިތުރުން އަންނަ ރޯދަމަހުގެ ކުރިން މި ހުރިހާ ބިނާތަކެއް ބޭނުންކުރަން ފެށޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގައި ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އިސްލާމީ ވުޒާރާ އާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ހުޅުމާލޭގައި ބިނާކުރަމުންދާ ދާއިމީ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލުން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ފަހުކޮޅުގައި ވަޤުފު މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ނިމިގެންދާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!