2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު އަލަށް އާންމުކުރި ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ އެއްވަނަ މަގާމު، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިނުން ކަށަވަރުކޮށްފިއެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހަށްފަހު ސްޕެއިން ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕް ފައިނަލުގައި އިތުރު ވަގުތު ކުޅެގެން 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ތަށި އުފުލާލުމާ ގުޅިގެން، ކުރިން އެއްވަނައިގައި އޮތް އާޖެންޓީނާ ވަނީ ދެވަނައަށް ސޮއްސާލައިފައެވެ. ރޭންކިންގެ ތިންވަނަ އަދި ހަތަރުވަނައިގައި އެއްވެސް ބަދަލެއް ނައިސް އޮތީ ފްރާންސާއި އިންގްލެންޑެވެ. މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ފްރާންސް ބަލިކޮށް އިންގްލެންޑުން ވަނީ ތިންވަނަ މަގާމު ހޯދާފައެވެ.

Ad
rt

މިފަހަރުގެ ރޭންކިންގައި އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދި އެއް ގައުމަކީ މޮރޮކޯއެވެ. އެ ގައުމު ވަނީ ރޭންކިންގެ ހަވަނައަށް ޖެހިލައި، އެ ގައުމުގެ ތާރީޚީ އެންމެ މަތީ ރޭންކިން ކަށަވަރުކޮށްފައެވެ. މީގެ އިތުރުން މެކްސިކޯ ވަނީ ހަތަރު ދަރަޖައިގެ ކުރިއެރުމަކާއެކު 10 ވަނައަށް ޖެހިލައި، 2022 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ގަދަ 10 އެއްގައި ހިމެނިފައެވެ.

މުޅި ރޭންކިންއަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ނޯވޭއެވެ. ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި ނޯވޭ ވަނީ 12 ދަރަޖަ މައްޗަށް ޖެހިލައި 19 ވަނަ މަގާމު ހޯދާފައެވެ. އަދި ގަދަ 16 އާ ހަމައަށް ދަތުރުކުރި މިޞްރު ވަނީ ފަސް ދަރަޖައިގެ ކުރިއެރުމަކާއެކު 24 ވަނައަށް އަރާފައެވެ.

ރޭންކިންގެ ގަދަ 10 އެއްގެ ތަރުތީބު:

  1. ސްޕެއިން (+1)
  2. އާޖެންޓީނާ (-1)
  3. ފްރާންސް (ބަދަލެއް ނެތް)
  4. އިންގްލެންޑް (ބަދަލެއް ނެތް)
  5. ބްރެޒިލް (+1)
  6. މޮރޮކޯ (+1)
  7. ޕޯޗުގަލް (-2)
  8. ބެލްޖިއަމް (+1)
  9. ނެދަލޭންޑްސް (-1)
  10. މެކްސިކޯ (+4)

މިފަހަރުގެ މުބާރާތުގައި ދަށް ނަތީޖާތަކެއް ލިބުނު ޖަރުމަނުވިލާތް ވަނީ ދެ ދަރަޖަ ދަށަށް ގޮސް، ރޭންކިންގެ 12 ވަނައަށް ވެއްޓި ގަދަ 10 އިން ބޭރުވެފައެވެ. ނަމަވެސް ސްވިޒަލޭންޑާއި ޕެރަގުއޭ ފަދަ ގައުމުތަކުން ވަނީ ރޭންކިންގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.