ށ. ފޭދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ރަށުގެ އަންހެނުންގެ ދުޅަހެޔޮކަން އިތުރުކުރުމާއި، ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ ގޮތެއްގައި ބައްޓަންކުރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ތަފާތު އެކި ކަސްރަތުތައް ދަސްކޮށްދީފައިވެއެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު މޫދު ކަސްރަތުގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވާއިރު، ރޭގަނޑު ވަގުތުތަކުގައި ކުރިއަށްގެންގޮސްފައިވަނީ އިންޑޯ ކަސްރަތު ސެޝަންތަކެވެ.
ފޭދޫ ކަސްރަތު ޕްރޮގްރާމުން ވަނަތައް ހާސިލްކުރި ބައިވެރިން، ފޮޓޯ: ފޭދޫ އ.ތ.މ.ކ
މި ޕްރޮގްރާމްގައި ބައިވެރިންނަށް ކަސްރަތުތައް ކުރިއަށް ގެންގޮސްދީފައިވަނީ ރާއްޖޭގެ މަޝްހޫރު ފިޓްނަސް ޓްރޭނަރ ފާތިމަތު ޝަހާ ޙަސަނެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ފޭދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މީގެ އިތުރުން، ޕްރޮގްރާމްގެ ތެރެއިން އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު އަދި ވަނަތަކަށް ހޮވުނު ބައިވެރިންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފަވެއެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރަށުގެ އަންހެނުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ، އިޖުތިމާޢީ ގުޅުން ބަދަހިވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ.
މި ޕްރޮގްރާމަށް ފޭދޫގެ އަންހެނުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!