ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގެ ފައިނަލްގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި މެސީ، ވަރުގަދަ ސްޕެއިންއާ ދެކޮޅަށް ނުކުތުމަށް މިވަނީ ވަގުތު ކުޑަތަންވެފައެވެ.

ފަހަކަށް އައިސް ކަންކަން ހިނގަމުން އައި ގޮތަށް ބަލާއިރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާއި ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ޓީމު، މި ކުޅިވަރުގެ އެންމެ ބޮޑު މައިދާނުގައި އަންދާޒާ ކުރެވުނު ފަދައިން ބައްދަލުކުރަން މިވަނީ މަގުފަހިވެފައެވެ. މެސީއާއި އާޖެންޓީނާ އާދީއްތަ ދުވަހު ނުކުންނާނީ 2024 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ބަލިނުވެ ޖެހިޖެހިގެން 37 މެޗު ފުރިހަމަކޮށްފައިވާ ސްޕެއިންގެ ޓީމާ ދެކޮޅަށެވެ.

Ad
rt

ސްޕެއިންއަށް މިއީ 2010 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު، ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލައި، މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ބާރަކީ އެއީކަން ސާބިތުކޮށްދިނުމަށް ލިބޭ ރަން ފުރުސަތެކެވެ. އާޖެންޓީނާއަށް މިއީ 1958 އާއި 1962 ވަނަ އަހަރު ޕެލޭއާއި ބްރެޒިލް ހޯދި ފަދައިން، ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމުގެ ފުރުސަތެވެ. އަދި މެސީއަށް މިއީ، އޭނާގެ ގައުމީ ޓީމާއެކު ކުޅޭނެ ފަހު މުބާރާތް ކަމަށް އިޝާރާތްކޮށްފައިވާތީ، އޭނާގެ ފުޓްބޯޅަ ހަޔާތުގެ ނިމުން ފުރިހަމަ ގޮތެއްގައި ނިންމާލުމަށް ލިބޭ ފުރުސަތެކެވެ.

ސްޕޭންގެ ތަރި ޔަމާލް ޕްރެކްޓިސްގައި، ފޮޓޯ: ގެޓީ

"އާދީއްތަ ދުވަހު އަހަރެމެންނަށް ފެންނާނީ ވަރަށް ފުރިހަމަ ކުޅުމެއް،" ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުންޏެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަކީ 28 މޮޅާއި 9 އެއްވަރުގެ ނަތީޖާއެކެވެ.

"ވަރުގަދަ ދެ ގައުމީ ޓީމު، އަހަރެންގެ ނަޒަރުގައި ދެ 'ސުޕަޓީމު'، ކުޅުންތެރިންގެ ހުނަރާއި އަޒުމަށް ބަލާއިރު ވަރަށް އެއްގޮތް ދެ ޓީމު. މިއީ ވަރަށް ފޯރިގަދަ ފައިނަލަކަށް ވާނެ." ސްޕެއިންގެ ކޯޗު ބުންޏެވެ.

ސާދާކޮށް ބުނާނަމަ، މިއީ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ މޮޅު ޓީމު ބައްދަލުކުރާ ކުރިމަތިލުމެކެވެ. ނަމަވެސް ހަގީގަތުގައި މިއީ އެއަށްވުރެ މާ ފުން މާނައެއް އެކުލެވޭ މެޗެކެވެ.

ސެމީގައި ފްރާންސް މެޗުގައި ސްޕޭން ޕެނަލްޓީން ލަނޑު ޖެހުމަށްފަހު، ފޮޓޯ: އޭޕީ

މެސީއާއި ސްޕެއިންގެ ގުޅުން

މެސީއާއި ސްޕެއިންއާ ދެމެދު އޮތީ ތާރީޚީ ގުޅުމެކެވެ. އޭނާ އުފަންވީ އާޖެންޓީނާއަށް ނަމަވެސް، އޭނާގެ ޒުވާން ދުވަސްތަކާއި ކްލަބް ކެރިއަރުގެ ބޮޑު ބައި ހޭދަކުރީ ސްޕެއިންގައެވެ. ބޭނުންވިނަމަ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތުވެސް އޭނާއަށް އޮތެވެ. ސްޕެއިންއިން އެތައް ފަހަރަކު އެކަމަށް މަސައްކަތް ކުރި ނަމަވެސް، މެސީގެ ނިންމުމަކަށް ބަދަލެއް ނައެވެ.

އާދީއްތަ ދުވަހުގެ މެޗަކީ 2010 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކަށްފަހު މެސީ ސްޕެއިންއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ. މި މެޗުގެ މުހިންމުކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް އޭނާ ދެކޭގޮތުގައި މިއީ ދަނޑުގެ ތެރޭގައި 80،000 މީހުން އަދި މުޅި ދުނިޔެއިން ގާތްގަނޑަކަށް 2 ބިލިއަން މީހުން ބަލަން ތިއްބަސް، ރަހުމަތްތެރިންނާއެކު ބޯޅަ ކުޅެލަން ލިބޭ ވަގުތުކޮޅެކެވެ.

މެސީ މިސްރުކޮޅަށް ލަނޑު ޖެހުމަށްފަހު، އޭނާ ވަނި ރަންބޫޓާ ކައިރިއަށް ޖެހިލާފައި، ފޮޓޯ: ރޮއިޓާސް

މީގެ އިތުރުން، މީގެ ގާތްގަނޑަކަށް ވިހި އަހަރު ކުރިން މެސީއާއެކު ފޮޓޯއަކަށް ހުއްޓުނު ތުއްތު ކުއްޖާ، ސްޕެއިންގެ މިހާރުގެ ތަރި ލަމީން ޔަމާލް، މެސީއާއެކު ވޯލްޑް ކަޕް ފައިނަލެއްގައި ކުޅެން ނުކުތުމަކީވެސް ވަރަށް ފާހަގަކޮށްލެވޭ އަސަރުގަދަ ކަމެކެވެ.

"އަހަރެމެން ބޮޑުވީ ފުޓްބޯޅައަށް އޮތް ލޯތްބަކާއި ކުޅުމުގެ ޝައުގުވެރިކަމެއްގެ ތެރޭގައި،" މެސީ ބުންޏެވެ.

"އަހަރެމެން ކުޅުނީ ކޮންމެ ތަނެއްގައިވެސް. މަގުމަތީގައާއި ސްކޫލުގައިވެސް. އެއީ އެއްވެސް ޕްރެޝަރެއް އޮވެގެން ކުރި ކަމެއް ނޫން، އެއީ ގުދުރަތީ ގޮތުން އުފެދުނު ކަމެއް." އޭނާ ބުނެފަވެއެވެ.

ނަމަވެސް އާދީއްތަ ދުވަހު އޮންނާނީ އިންތިހާ ދަރަޖައިގެ ޕްރެޝަރެވެ. މޮޅުވިޔަސް ބަލިވިޔަސް، މިއީ އާޖެންޓީނާގެ ނޫކުލައާއި ހުދުކުލައިގެ ޖާޒީގައި މެސީ ފެންނާނެ ފަހު ފަހަރު ކަމަށް ބެލެވެއެވެ. "މިއީ ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ،" އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުންޏެވެ.

ސްޕޭންގެ ކޯޗު މީޑިއާއާއި ވާހަކަދައްކަނީ، ފޮޓޯ؛ ގެޓީ

މެސީގެ ކުރު މުއްދަތުގެ ރިޓަޔަރމަންޓް

ކަންކަން އަބަދު މިހާ އުޖާލާކޮށް އޮތީއެއް ނޫނެވެ. މީގެ ދިހަ އަހަރު ކުރިއަށް ބަލާއިރު، 2021 ގެ ކޮޕާ އެމެރިކާ، 2022 ގެ ވޯލްޑް ކަޕް، އަދި 2024 ގެ ކޮޕާ އެމެރިކާ ކާމިޔާބީތަކަކީ އާޖެންޓީނާއަށް ނުލިބިވެސް ހިނގައިދާނެ ކަންކަމެވެ.

މެސީ، ފޮޓޯ: ގެޓީ އިމޭޖްސް

2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޗިލީ އަތުން ބަލިވުމުން، މެސީ ގައުމީ ޓީމުން ރިޓަޔަރ ކުރިއެވެ. ނަމަވެސް ނަސީބު ރަނގަޅުކަމުން އެ ނިންމުން ބަދަލުކުރީ މަދު ހަފުތާތަކެއްގެ ތެރޭގައެވެ. އޭރު އޭނާ ހުރީ ބޮޑެތި މެޗުތަކުން ބަލިވުމުގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
"އަހަރެން މިހިސާބުން ނިންމާލައިފިން،" އެ ރޭ މެޓްލައިފް ސްޓޭޑިއަމްގައި މެސީ ބުންޏެވެ. އިއްތިފާގުން މިފަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅެނީވެސް ހަމަ އެ ސްޓޭޑިއަމްގައެވެ. އެކަމަކު އޭނާ ހުއްޓައެއް ނުލައެވެ. އޭނާ ދިޔައީ ބާސެލޯނާ، ޕީ.އެސް.ޖީ އަދި އިންޓަ މިއާމީގައިވެސް ތާރީޚީ ކާމިޔާބީތައް ހޯދަމުންނެވެ. އޭނާއަކީ އަދިވެސް މެޗުގެ އެންމެ މުހިންމު ވަގުތުގައި ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލްކަން ހުރި "ލެޖެންޑް" އެކެވެ.

އާޖެންޓީނާގެ ސަޕޯޓަރުން

ސްޕެއިންގެ ތާރީޚީ ދިފާއު

ސްޕެއިންވެސް އޮތީ ތާރީޚީ ކާމިޔާބީއެއްގެ މަގުމަތީގައެވެ. މި މުބާރާތުގެ ފުރަތަމަ ހަތް މެޗުގައި އެންމެ ގޯލެއް ބައިކޮޅަށް ވަދެފައިވާތީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފައިނަލްގެ ފޭވަރިޓަކީ ސްޕެއިންއެވެ. މި މުބާރާތުގައި މިހާތަނަށް އެއްވެސް ވަގުތަކު ސްޕެއިންގެ މައްޗަށް އިދިކޮޅު ޓީމަކުން ލީޑެއް ހޯދާފައެއް ނުވެއެވެ. ނަމަވެސް އާޖެންޓީނާ ވަނީ 100 މިނެޓަށްވުރެ ގިނަ ވަގުތު ބަލިވެފައި އޮވެގެން ކުޅެފައެވެ.

މިފަދަ ވަރުގަދަ ދިފާއީ ކުޅުމެއް ވޯލްޑް ކަޕެއްގައި ފެނުމަކީ ނާދިރު ކަމެކެވެ. މީގެ ކުރިން މުޅި މުބާރާތުގައި ބައިކޮޅަށް އެންމެ ދެ ގޯލު ވަދެގެން ތަށި ހޯދާފައިވަނީ ސްޕެއިން (2010)، އިޓަލީ (2006) އަދި ފްރާންސް (1998) އެވެ. މިފަހަރުގެ ސްޕެއިން ޓީމު އޮތީ އެއަށްވުރެ މާ ވަރުގަދަ ރެކޯޑެއް ހެދުމުގެ މަގުމަތީގައެވެ.
"އާޖެންޓީނާއަކީ ހަމައެކަނި މެސީއެއް ނޫން،" ސްޕެއިންގެ ކެޕްޓަން ރޮޑްރީ ބުންޏެވެ.

ސެމީގައި ފްރާންސް މެޗުގައި ޔަމާލް ކުޅެނީ، އޭނާ ވަނީ މޮޅު ކުޅުމެއްދައްކާފައި، ފޮޓޯ: ގެޓީ

"އެއީ ވަރަށް ފުރިހަމަ ޓީމެއްކަން އެމީހުން ވަނީ ސާބިތުކޮށްދީފައި. އަހަރެމެން މެސީއަށް ސަމާލުވާން ޖެހޭނެ، އެކަމަކު އެހެން ކުޅުންތެރިންގެ މަތިންވެސް ހަނދާން ނައްތާލައިގެން ނުވާނެ." ސްޕެއިންގެ ކެޕްޓަން ބުނެފަވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ވޯލްޑް ކަޕް 48 ޓީމާއެކު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުނު މުބާރާތުގެ 104 ވަނަ މެޗާ ހަމައަށް އައިއިރު، މިއީ އެންމެ ފަހުގެ ޗެމްޕިއަނުންނާއި އާ ޖީލުގެ ކުރިމަތިލުމެކެވެ.

ބޮސްނިއާ މެޗުގައި ކުރި ނުރައްކާތެރި ފައުލާއި ގުޅިގެން އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ރެފްރީ ރަތްކާޑު ދައްކަނީ، ފޮޓޯ: ރޮއިޓާސް

މި މުބާރާތަކީ ގޮންޖެހުންތަކެއް ނެތް މުބާރާތެއް ނޫނެވެ. ދުނިޔޭގެ ސިޔާސީ މަސްރަޙުގެ ނުތަނަވަސްކަމާއި ބައެއް ޚިޔާލުތަފާތުވުންތައް މި މުބާރާތުގެ ތެރޭގައި ފެންމަތިވިއެވެ. އޭގެ ތެރޭގައި، އެމެރިކާއާއެކު ހަނގުރާމައިގެ ޙާލަތެއްގައި އޮތް އީރާނުގެ ޓީމަށް ދަތުރުފަތުރުގެ ދަތިތަކާ ކުރިމަތިލާންޖެހުމާއި، އެމެރިކާގެ ތަރި ފޮލަރިން ބަލޯގަންގެ ރެޑް ކާޑު ސަސްޕެންޝަން އުވާލުމަށް ފީފާއިން ނިންމި ނިންމުމަށް އަމާޒުވި ފާޑުކިޔުންތައް ހިމެނެއެވެ. ބަލޯގަންގެ ސަސްޕެންޝަން އުވާލުމަށް ބާރުއެޅުއްވީ އާދީއްތަ ދުވަހުގެ ފައިނަލް މެޗަށްފަހު ތަށި ހަވާލުކޮށްދެއްވުމަށް ވަޑައިގަންނަވާ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މީގެ އިތުރުން، ސެމީ ފައިނަލްގައި އިންގްލެންޑް އަތުން މޮޅުވުމަށްފަހު، ފޯކްލޭންޑް ޖަޒީރާގެ މިނިވަންކަމާ ގުޅޭ ބެނާއެއް އާޖެންޓީނާގެ ކުޅުންތެރިން ބޭނުންކުރުމާ ގުޅިގެން، އިނގިރޭސި ސަރުކާރުން އެކަން ތަޙުޤީޤުކުރުމަށް އެދިފައިވާ މައްސަލަވެސް ހިމެނެއެވެ.

ވޯލްޑް ކަޕްގައި ޕޯޖުގަލް ކްރޮއޭޝިއާ މެޗަށްފަހު ރޮނާލްޑޯ މޮޑްރިޗަށް ހިތްވަރު ދެނީ، ފޮޓޯ: ނިއުޔޯކް ޓައިމްސް/ގެޓީ އިމޭޖްސް

ނަމަވެސް، ކޮންމެ ވޯލްޑް ކަޕެއްވެސް ނިމިގެންދާ ފަދައިން، މި މުބާރާތްވެސް ނިމިގެންދާނީ އެއް ފަރާތަކުން ކާމިޔާބީގެ އުފާ ފާޅުކުރަމުން ދަނިކޮށް، އަނެއް ފަރާތަކުން ބަލިވުމުގެ ހިތާމައިގައި ތިއްބައެވެ.

"އެމީހުންގެ ވަރުގަދަ ސިފަތަކެއް އެބަހުރި. އަހަރެމެންގެވެސް އެބަހުރި، އަހަރެން އެދެނީ މިއީ ތާރީޚުގެ ތެރޭގައި ލިޔެވިގެންދާނެ ފަދަ ފުރިހަމަ ފައިނަލަކަށް ވުމަށް." " އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ބުންޏެވެ.