މާލެއަށް ދިމާވެފައިވާ ޕާކިންގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި މާލޭގެ މަގުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޕާކިން ބިލްޑިންގްތައް އެޅުމުގެ މަސައްކަތް ކުރިން ބޭރުގެ އެހީގައި ކުރަން ނިންމާފައި އޮތުމުގެ ސަބަބުން އެ މަސައްކަތް ލަސްވެފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ސަރުކާރުން ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މިއަހަރުގެ ތެރޭގައި ދެ އިމާރާތެއްގެ މަސައްކަތް ފެށުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރުވެސް ބައެއް ޕާކިން ބިލްޑިންތަކުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި އިމާރާތްތައް ނިމުމުން މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ނިމި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ މަގު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. މި ބަދަލާއެކު މާލޭގެ އެތެރޭގެ މަގުތަކުގައި އޮންނަ ތޮއްޖެހުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ތޮއްޖެހުމުގެ މައްސަލައިގެ އަސްލު ސަބަބުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ މިހާ ބޮޑަށް ތޮއްޖެހިފައިވަނީ މީގެ ކުރިން ރާއްޖޭގެ ތަރައްގީ ބައްޓަންކޮށްފައިވާ ގޮތުން ކަމަށެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މައްސަލައަކީ ރޫޓް ކޯސްއަށް ދާންވެފައި އޮތް ކަމެއް. ރޫޓްކޯސްއޭ މި ދަންނަވަނީ މާލޭއަށް މީހުން ތޮއްޖެހެން ޖެހޭ ސަބަބު. އެހެންވެ ސަރަހައްދީ ތަރައްގީގެ މަޝްރޫއުތައް ފެށީ. އަޅުގަނޑުމެންނަށް ދެ ތިން އަހަރު ތެރޭގައި ހައްލު ނުވާނެ ކަމެއްވީމަ ނަތީޖާއެއް ނުފެންނަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އާބަން ސެންޓަރުތައް ތަރައްގީވުމުން މާލޭގައި ދިރިއުޅޭ މީހުން އެ ސަރަހައްދުތަކަށް ދިރިއުޅުން ބަދަލުކުރަން ފަށާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!