މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

މި އިނާމު އެރުވުމަށް ނިންމަވާފައިވަނީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް މި އިނާމު ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނަށެވެ.

Ad
rt

ރައީސް އޮފީހުން ވަނީ އެ ބޭފުޅުންގެ ރެކޯޑުތައް ހޯއްދެވުމަށްފަހު، ދިރާސާކުރުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ. ކޮމިޓީން އެ ބޭފުޅުންގެ މަޢުލޫމާތުތައް ބަލައި، ބައްދަލުކުރެއްވުމަށްފަހު، 66 ބޭފުޅެއް އިނާމަށް ޝަރުޠު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަން ފެށްޓެވި ފަހުން، ކޮންމެ އަހަރަކުވެސް ވަކި މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކޮމިޓީއަށް ފޮނުއްވަމުންނެވެ. މިގޮތުން، މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް މި އިނާމު ވަނީ އަރުވާފައެވެ.

މީގެ އިތުރުން، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުއްވާލި ފުރުޞަތުގައި 130 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ. މި ފޯމުތައް ހުށަހެޅުމުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

ޢާންމުކޮށް ހުޅުވާލައިގެން ހުށަހެޅި ފޯމުތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް އިނާމު އެރުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތްތައް ވަޒަންކުރުމުގެ ގޮތުން ދެވޭ ޝަރަފުވެރި އިނާމެކެވެ.