ބޮޑު ތިލަދުންމަތީގެ އަތޮޅުތަކުގައި ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އިސްނަގައިގެން "ދަނޑުވެރި މަންފާ" ގްރާންޓް ސްކީމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސިލްސިލާ ސެޝަންތަކެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މި ޕްރޮގްރާމަކީ ހއ. އަތޮޅު، ހދ. އަތޮޅު އަދި ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ސެޝަންތަކުގައި މަޢުލޫމާތު ދިނުމަށް މެޕް ޕްރޮޖެކްޓްގެ ޓީމުގެ އިތުރުން އެސް.އެމް.އީ ޑިޖިޓަލްގެ ޓީމުންވެސް ބައިވެރިވަމުންދެއެވެ.

Ad
rt

މި ސިލްސިލާގެ ދަށުން މިހާތަނަށް ށަވިއަނީ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ށ. ގޮއިދޫގައެވެ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ޚާއްޞަކޮށްގެން ބޭއްވި ސެޝަން އެ އަތޮޅު ވައިކަރަދޫގައި ވަނީ ބާއްވާފައެވެ.

މީގެ އިތުރުން، ހއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަންތައް މިހާރު ކުރިއަށްދަނީ ހދ. ހަނިމާދޫގައެވެ.

"ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމަކީ ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވަކިވަކި ފަރުދުންނާއި، ކޯޕަރޭޓިވްސްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ސްކީމެކެވެ. މީގެ ތެރޭގައި ޕްރޮޖެކްޓްގެ ދަށުން އުފެދިފައިވާ އައިލެންޑް ފާރމާ ފޯރަމް (އައި.އެފް.އެފް) ގެ މެމްބަރުންނަށްވެސް ފުރުޞަތު އޮންނާނެއެވެ.

މި ހިލޭ އެހީގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމުގެ ވިޔަފާރީގައި ބައިވެރިވުމަށް އާންމުންނަށް ހިތްވަރުދިނުމާއި، ދަނޑުވެރިކަމުގެ ބާޒާރު އިތުރަށް ތަރައްޤީކޮށް ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ޚާއްޞަކޮށްފައިވަނީ ގްރީން ހައުސްތަކުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަށެވެ.