ދިވެހިރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި، މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ޖަލުތަކުގެ އަމާންކަން ގާއިމުކުރުމަށް ހިންގުނު ވަރަށް މުހިންމު ހަރަކާތެކެވެ.
ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގެ ޖަލުތަކުގައެވެ.
ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސް.އޯ) ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅެވެ. ޖަލުތައް ބަލައި ފާސްކުރުމަށް ހިންގި މި ހަރަކާތުގައި ފުލުހުންގެ ގިނަ އަދަދެއްގެ ހާއްސަ ފަންކްޝަންތަކުންނާއި ޓީމުތަކުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ.
މި އޮޕަރޭޝަންގައި އެސް.އޯގެ ސްވަޓް ޓީމާއި، ކޭނައިން ޔުނިޓް، މާލޭ ޕޮލިސް، ހުޅުމާލޭ ޕޮލިސް، ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް ބައިވެރިވެފައިވެއެވެ.
މީގެއިތުރުން ޕްރޮޓެކްޓިވް ސެކިއުރިޓީ، މީޑިއާ، އިންޓެލިޖެންސް، ފޮރެންސިކްސް، މޭޖަރ ކްރައިމް އިންވެސްޓިގޭޝަން، އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ވެސް މި އޮޕަރޭޝަން ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފާހަގަކުރި ގޮތުގައި، ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ފުލުހުންނާ ގުޅިގެން މިހާތަނަށް ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު، މިއީ މިހާތަނަށް ހިންގުނު އެންމެ ފުޅާދާއިރާއެއްގެ އަދި އެންމެ ކާމިޔާބު އޮޕަރޭޝަނެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އޮޕަރޭޝަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅު ވިދާޅުވީ، ތިން ހަފުތާއަށް ދެމިގެންދިޔަ މި ބޮޑު ހަރަކާތުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކާއި ފުލުހުންގެ ހިދުމަތުގެ އެކި ބައިތަކުން ގުޅިގެން ކުރި މި މަސައްކަތުގެ ސަބަބުން، އޮޕަރޭޝަނުން ބޭނުންވި ހެޔޮ ނަތީޖާ ހާސިލުކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަނަކީ ޖަލުތަކަށް ވަގަށް ވައްދާ ތަކެތި ހޯދުމަށާއި، ޖަލުތަކަކީ ރައްކާތެރި ތަންތަނުގެ ގޮތުގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!