މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމަށް ހައްލެއް ހޯދައި، ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށްޓަކައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އައު އިދާރާއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާނެ ތަނެކެވެ.

Ad
rt

މިކަން އިއުލާންކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

މި އޮފީސް އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅަނދުތައް އިތުރުވެ، ތޮއްޖެހުމުގެ މައްސަލަ ބޮޑުވަމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯދުމެވެ. މިގޮތުން، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާއްސަ ޕްރޮގްރާމްތައް އެކުލަވައިލައި ތަންފީޒުކުރުމާއި، ޕާކުކުރެވޭނެ ވަސީލަތްތަކާއި ޒަމާނީ އެހެނިހެން ހައްލުތައް ހޯދައި ތަރައްގީކުރުމުގައި މި އިދާރާއިން އިސް ދައުރެއް އަދާކުރާނެއެވެ.

މި އިދާރާ ހިންގުމަށް ހަމަޖެހިފައިވަނީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުންނެވެ. އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި މަގުތަކުގެ ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން ހިމެނެއެވެ.

މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމަށް ކުރެވޭ މަސައްކަތްތައް ސީދާ ގޮތުން ތަންފީޒުކުރުމަކީވެސް މި އޮފީހުގެ ޒިންމާއެކެވެ.