ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުހަލާގައި އާޖެންޓީނާ އަތުން 3-2 އިން ބަލިވެ މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، އެނބުރި ގައުމަށް އައި މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމަށް އެތައް ހާސް ސަޕޯޓަރުންނެއް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހުކުރު ދުވަހު މިސްރުގެ އަލް-އަލަމައިން އެއާޕޯޓަށް ޓީމު ފޭބުމާއެކު، އެއްވެފައިތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޓީމުގެ ތަރި މުހައްމަދު ސަލާހުގެ ފޮޓޯތަކާއި ޓީމަށް ތައުރީފުކޮށް ލިޔެފައިވާ ބޯޑުތައް ހިފައިގެން ކުޅުންތެރިންނަށް މަރުހަބާ ކިޔާފައެވެ.

Ad
rt

މިސްރުން ވަނީ މިފަހަރުގެ މުބާރާތުގެ ގަދަ 16 އާ ހަމައަށް ދަތުރުކޮށް، ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އެއީ ޕެނަލްޓީ ޖަހައިގެން 4-2 އިން އޮސްޓްރޭލިއާ ބަލިކުރުމަށްފަހުއެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސިސީ މިއަދުގެ ވަގުތެއްގައި ޓީމާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. ރައީސް ވަނީ ފޭސްބުކް މެދުވެރިކޮށް ޓީމަށް ޝުކުރު އަދާކުރައްވައި،

"މިސްރުގެ ފުޓްބޯޅަ ތާރީޚުގައި މީގެ ކުރިން ނުދެކޭ ފަދަ ކާމިޔާބީއެއް ހޯދައިދީ، ދެއްކި ފުރިހަމަ ކުޅުމަށް" ތައުރީފު ކުރައްވާފައެވެ.

މިސްރުގެ ޓީމު އެނބުރި ގައުމަށް ދިޔައިރު، އެ ޓީމުގެ ފަރާތުން ފެންނަ ފަލަސްތީނަށް އޮތް ލޯބި މިއަދު ވެސް ވަނީ ދައްކާލާފައެވެ. މިގޮތުން މިސްރު ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަން ގައުމުގެ ސަޕޯޓަރުންނާއެކު އުފާފާޅުކުރީ ފަލަސްތީނުގެ ދިދައާއި އެކުގައެވެ.

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީން ނިންމި ނިންމުންތަކާ މެދު މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޚާއްސަކޮށް ވީއޭއާރު ސިސްޓަމް ބޭނުންކުރި ގޮތާ މެދު އެ އިދާރާއިން ސުވާލު އުފައްދާފައިވެއެވެ. މިސްރުގެ ކޯޗު ހުސާމް ހަސަން އާއި ބައެއް ކުޅުންތެރިން ވެސް ވަނީ ރެފްރީންނަށް ފާޑުކިޔާފައެވެ. އެ މެޗުގައި 13 މިނެޓު ތެރޭގައި އާޖެންޓީނާއިން ތިން ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލީއެވެ.

އީއެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މިސްރުގެ ގައުމީ ޓީމުގެ ހައްގުތަކާއި މަސްލަހަތު ދިފާއުކުރުމަކީ ދޫކޮށްލެވޭނެ ނުވަތަ ކުޑަކޮށްލެވޭނެ ކަމެއް ނޫން" ކަމަށެވެ. ނަމަވެސް ފީފާގެ ރެފްރީންގެ އިސްވެރިޔާ ޕިއެރްލުއިޖީ ކޮލީނާ ވަނީ މި ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ.

ކޮލީނާ ވިދާޅުވީ ނިންމުންތަކާ މެދު ބަހުސް ކުރުމަކީ ފުޓްބޯޅައިގެ ބައެއް ނަމަވެސް، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކަށް ޖާގައެއް ނެތް ކަމަށެވެ. އަދި ފީފާ ވޯލްޑް ކަޕްގެ ރެފްރީންގެ އިތުބާރާ މެދު ސުވާލު އުފެއްދުމަކީ، އެމީހުންނަށާއި އާއިލާތަކަށް ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.