ފަލަސްތީނުގެ ކުރެހުންތެރިއެއް ކަމަށްވާ އުބައިދު އަލް-ކަރްޝެލީ، ގައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ގެއެއްގެ ފާރުގައި މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަންގެ ތަސްވީރެއް ކުރަހައިފިއެވެ.
މި ކުރެހުން ކުރަހާފައިވަނީ ހުސާމް ހަސަން ފަލަސްތީނުގެ ހައްގުގައި ވޯލްޑް ކަޕްތެރޭ ދައްކާފައިވާ ވާހަކަތަކަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.
މިސްރުން އޮސްޓްރޭލިއާ ބަލިކުރި މެޗަށްފަހު ހަސަން ވަނީ ދަނޑުމަތީ ފަލަސްތީނުގެ ދިދަ ހޫރުވާފައެވެ. އަދި އެ މެޗަށްފަހު ބީއިން ސްޕޯޓްސްއާ ވާހަކަ ދައްކަމުން ހުސާމް ހަސަން ބުނީ، މި ތާރީހީ ކާމިޔާބީއަކީ ހަމައެކަނި މިސްރުގެ ރައްޔިތުންނަށް ހާއްސަ ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ ފަލަސްތީނުގެ ރައްޔިތުންނަށްވެސް ހަދިޔާކުރާ ކާމިޔާބީއެއް ކަމަށެވެ. އޭނާ ވަނީ ފަލަސްތީނުގެ ރައްޔިތުން އަބަދުވެސް މިސްރުގެ ޓީމަށް ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށްފައެވެ.
ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީ ނުވާ މީހަކީ އިންސާނެއް ނޫން: މިސްރުގެ ކޯޗު
މީގެ އިތުރުން ގަދަ 16 ބުރުގައި އާޖެންޓީނާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި މީޑިއާ ބްރީފިންގައި ކޯޗު ހަސަން މުޅިންވެސް ދެއްކީ ފަލަސްތީނުގެ ވާހަކައެވެ. ފަލަސްތީނަށް ހައްގު ހޯދައިދިމަށް ވަކާލާތު ކުރަމުން އޭނާ ވަނީ ފަލަސްތީނަށް ރަހްމުނެތް މީހަކީ އިންސާނެއްނޫންކަމަށް ވެސް ބުނެފައެވެ.
މިސްރުގެ ކޯޗާއި ޓީމުން ފަލަސްތީނަށް ދޭ ތަރުހީބާއެކު ޣައްޒާ ގައި ވެސް މިސްރު ޓީމަށް އާދަޔާ ޚިލާފް ލޯތްބެއް އޮވެއެވެ. މިގޮތުން ދަތި ހާލުގައި ވެސް މިސްރުގެ މެޗު ބަލަންއެއްވެ ތަރުހީބު ދިނުމުގައި ފަލަސްތީނު ރައްޔިތުން ވަނީ ބޮޑު ޖޯޝެއް ދައްކާފައެވެ.
މިޞްރުގެ ކޯޗު ކާމިޔާބީ ހާއްސަކުރީ ފަލަސްޠީނަށް، ''މަގޭ ހިތާއި ފުރާނަ ވަނީ އެމީހުންނާއެކު''
ޖައްބާރު ޔަހޫދީން ފުނޑުފުނޑުކޮށްލާފައިވާ ޣައްޒާގެ އިމާރާތްތަކުގައި މިސްރުގެ ކޯޗު ހަސަންގެ ކެންވާސް ވެސް ކުރީން ވަނީ ދަމާފައިކަން ފާހަގަކޮށްލެވެއެވެ.
މިސްރުގެ ފުޓްބޯޅަ ލެޖެންޑް ހުސާމް ހަސަނަކީ އޭނާގެ ކުޅިވަރުގެ ހަޔާތުގައިވެސް ނުހަނު ޖޯޝާއެކު މަސައްކަތްކުރާ ފަރާތެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އޭނާގެ މި ޖޯޝާއި ފަލަސްތީނަށް އޮތް ލޯބި މިފަހަރުގެ ބަސްތަކުން ވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ.
ޣައްޒާގެ ރައްޔިތުން މިސްރަށް ދިން ލޯތްބާއި އުބައިދު އަލް-ކަރްޝެލީ ފަދަ އާޓިސްޓުންގެ މިފަދަ ކުރެހުމުން ދޭހަވަނީ، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މިފަދަ ހިތްވަރުގެ ބަސްތަކުން ލިބޭ އުފަލާއި އިހުތިރާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!