2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ކުޅުނު ބުރުގައި އޮސްޓްރޭލިއާގެ މައްޗަށް މިޞްރުން ހޯދި ތާރީޚީ ކާމިޔާބީއަށްފަހު، އެ ޓީމުގެ ހެޑް ކޯޗު ޙުސާމް ޙަސަން އެ ކާމިޔާބީ ފަލަސްޠީނުގެ ރައްޔިތުންނަށް ހާއްސަކޮށްފިއެވެ. މި މޮޅާއެކު މުޅި ޢަރަބި ދުނިޔޭގައި ބޮޑު އުފާފާޅުކުރުންތަކެއް ވަނީ ފެށިފައެވެ.

ޖުލައި 3 ވީ ހުކުރު ދުވަހު އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި އިމާމް އާޝޫރު ޖަހައިދިން ލަނޑުން މިޞްރުން ކުރިހޯދި ނަމަވެސް، ދެވަނަ ހާފުގައި މުޙައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ލަނޑަކުން އޮސްޓްރޭލިއާއިން ނަތީޖާ އެއްވަރުވިއެވެ.

Ad
rt

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން ކުރިހޯދައި މިޞްރުން ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި މިޞްރުން މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިޞްރު މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޙުސާމް ޢަބްދުލްމަޖީދެވެ.

މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ކޯޗު ޙުސާމް ޙަސަން ވަނީ ފަލަސްޠީނުގެ ދިދަ ދަނޑުމަތީގައި އުފުލާލައި، އެ ޤައުމުގެ ރައްޔިތުންނާ މެދު އޮތް ހަމްދަރުދީ ހާމަކޮށްފައެވެ.

"މަގޭ ހިތާއި ފުރާނަ ވަނީ އެމީހުންނާއެކު. އަހަރެން ބުނެލަން ބޭނުންވަނީ، މި ކާމިޔާބީ އަހަރެން ހަދިޔާކުރަނީ މިޞްރުގެ ރައްޔިތުންނާއި ފަލަސްޠީނުގެ އެ މާތް އަދި ޝަރަފުވެރި ރައްޔިތުންނަށޭ،" ކޯޗު ބުންޏެވެ.

މެޗު ނިމުމާއެކު މިޞްރުގެ މުޅި ޓީމުން ވަނީ ދަނޑުމަތީގައި ޝުކުރުގެ ސަޖިދަ ޖަހައި މި ބޮޑު ކާމިޔާބީ ފާހަގަކޮށްފައެވެ. މި އުފާވެރިކަން ޣައްޒާގެ މަގުތަކުންނާއި ވަގުތީ ފޭލިގެތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައިވެސް ވަނީ ފެތުރިފައެވެ.

މި ކާމިޔާބީއާއެކު މިޞްރު މިހާރު ތައްޔާރުވަމުންދަނީ ގަދަ 16 ގެ ބުރުގައި ވަރުގަދަ އާޖެންޓީނާއާ ބައްދަލުކުރުމަށެވެ. މި މެޗު އޮންނާނީ ޖުލައި 7، 2026 ގައި އެޓްލާންޓާ ސްޓޭޑިއަމްގައެވެ.