މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ "ފަތްކެޔޮ އާލާކުރުމުގެ ޕްރޮގްރާމް" ގެ ދަށުން ށ. ގޮއިދޫގައި ފަތްކެޔޮ އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ގޮއިދޫ ޑަބްލިޔުޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން އެ ރަށަށް ލިބިފައިވާ 117 ފަތްކެޔޮގަސް އިންދުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މިއީ ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ، މިދިޔަ ޖޫން މަހުގެ ފަހު ހަފްތާގައި ވަނީ މި ޕްރޮގްރާމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްލޭން ހުށަހެޅި ރަށްތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަކުރި ރަށްތަކަށް ފަތްކެޔޮ މުޑުވައް އަދި ގަސްކާނާ ފޯރުކޮށްދިނުމުގެ ފުރަތަމަ ބުރު ނިންމާލާފައެވެ. މިގޮތުން ފުރަތަމަ ބުރުގައި 11 ރަށަކަށް ޖުމްލަ 1865 ފަތްކެޔޮގަސް ވަނީ ފޯރުކޮށްދީފައެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ހިމެނުނު ރަށްތަކަކީ ހއ. އިހަވަންދޫ، ހއ. މާރަންދޫ، ހއ. ތަކަންދޫ، ހއ. އުލިގަން، ހދ. ކުމުންދޫ، ހދ. ވައިކަރަދޫ، ށ. ބިލެއްފަހި، ށ. ގޮއިދޫ، ށ. މަރޮށި، ނ. މާޅެންދޫ އަދި ނ. މާފަރެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ފަތްކެޔޮ އާލާކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށާއި ކާނާގެ ރައްކާތެރިކަމަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!