ދިވެހިރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޚާއްޞަކޮށް ރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ސަޢޫދީން ދެއްވާ އެއްބާރުލެއްވުމުގެ އަގު ރައީސް ވަޒަންކުރަށްވައި ވާހަކަފުޅުދެއްކެވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަޢޫދީ ވަފުދުގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެ ބޭފުޅުންނަށް ވިދާޅުވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށްޓަކައި އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރެއްވިކަމަށް ވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު އާންމުކޮށްފައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި ދައުލަތުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.