އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތް މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން އެކަމަނާއަށް މަރުޙަބާ ދެންނެވީ ހެލްތް މިނިސްޓަރު ގީލާ އަލީ އާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ.

Ad
rt

މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމާއި ލޯގޯ އިފްތިތާޙު ކޮށްދެއްވާފައެވެ. އެ ސެންޓަރުގެ އާ ނަމަކަށް މިއަދު ހަމަޖައްސާފައިވަނީ "ކާޑިއޯ ވެސްކިއުލަރ ސައިންސާ ބެހޭ ޤައުމީ މަރުކަޒު" އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން އެއީ މާލޭ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އަދި އެންމެ ޚާއްސަ އެއް ތަން ކަމަށެވެ. އަދި އެ ސެންޓަރުގެ މަސައްކަތަކީ ނަމޫނާ ޚިދުމަތެއްކަން ފާހަގަކުރައްވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އާންމުންގެ ބޮޑު އިތުބާރެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސީއީއޯ އިތުރަށް ވިދާޅުވީ، މި ސެންޓަރާއެކު ރާއްޖޭގައި ކާޑިއޯ ވެސްކިއުލަރ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލި، ރާއްޖޭގައި ތިބެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވުމަކީ ބަލިމީހުންނަށް ލިބުނު ބޮޑު ލުއިފަސޭހައެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯ ރިޕޯޓެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލެއްވިއެވެ.