"މިއަދަކީ ވެރިކަމުގެ ދޯދިޔާކަން އިންތިހާއަށް ދިއުމުން ވެރިކަން ހަމަމަގަށް ގެންދިއުމަށް ބޮޑުތިލަދުއްމަތީގެ ރައްޔިތުން ބަސްބުނި ދުވަހެވެ. މިއަދަކީ ވެރިން ރޫސިހާބަތާއި މޮޅުކެއުން ހިތުހުރިވަރަކަށް ކައި ރައްޔިތުންނަށް ދުވާލެއްގެ ކޮއްތަށް ބައިލާހި ހަނޑޫ ދޭން ފެށުމުން އަނބިދަރީން ވާތާ ވަމުންދާތަން ބަލާންނުތިބެ އިންސާފު ހަމަހަމަކުރުމަށް ބޮޑުތިލަދުންމަތި ތެދުވި ދުވަހެވެ. މިއަދަކީ ބޮޑުތިލަދުއްމަތީގެ އެއްބައިވަންތަކަމުގެ ދުވަހެވެ. ދިވެހިން ޑިމޮކްރަސީއަށް ކުރި ފުރަތަމަ ދަތުރެވެ. އެއީ ފަރަންސޭސި ރައްޔިތުން ޑިމެކޮރަސީއަށް އެއްވި ފަދަ އެއްވުމެކެވެ. އެއީ ދިވެހި ތާރީޚުގައި ދިވެހިން އެއްވި އެންމެ ބޮޑު އެއްވުމެވެ. ދިވެހި ޑިމޮކްރަސީގެ ފެށުމެވެ." ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ އަށް ނިސްބަތްވާ އާދަމް ޝަރީފުގެ މިޝުއޫރުން މިއަދުގެ ވާހަކަ ފަށާނަމެވެ.

ލިޔުންތެރިއެއްގެ ނަޒަރުގައި ތާރީޚުން މިއަދު

Ad
rt

"ކިޔާތީ އަޑުއިވޭ އުތުރުގެ ގަޑުބަޑު" މިސުރުޚީގެ ދަށުގައި 15 ޖޫން 2014 ވަނަ ދުވަހު ނުކުތް ދިވެހި ޑައިޖެސްޓްގެ 10 ވަނަ ޢަދަދާއި ހަވާލާދީ ލިޔުންތެރިޔާ މީގެ 77 އަހަރު ކުރި ސިފަކުރައްވައި، މީގެ 3 އަހަރު ކުރީން ލިޔުއްވާފައިވެއެވެ.

" އުތުރު ގަޑުބަޑަކީ، މީގެ 74 އަހަރުކުރިއެވެ. މިއީ، އޭގެ ހަމަ އެހާދުވަސްފަހެވެ. އެދަތުރުގައި ރިޔާނެގި އޮޑިދޯނިފަހަރުގެ 552 ގަނޑެތި މާލެއައިނަމަ، އެއީ ވަރަށް ގިނަ އަދަދެކެވެ. މިޒަމާނަށް ބެލިކަމުގައިވިޔަސްވެހެވެ. ބަނޑަށްޖެހިފައިއޮތް ދިވެހިރާއްޖޭގެ 7452 މީހުން އެދަތުރު މާލެއައިކަމަށްވެއެވެ. އެދުވަސްވަރުގެ ރާއްޖޭގެ އާބާދީއަށް ބަލާއިރު މިއީ ވަރަށްބޮޑު އަދަދެކެވެ. މިހެންމިދެންނެވީ އެދުވަސްވަރު ރާއްޖޭގެ އާބާދީގައި އުޅޭނީ 70 ވަރަކަށް ހާހުގައި ކަމަށް ލަފަކުރެވޭތީއެވެ.

މާލެއައި މީހުން ގެތެރެއިން ބަޔަކަށް ރަށަށް ދެވުނުއިރު އަނެއްބަޔަކު އަރުވާލެވުނީއެވެ. ހެސްކިޔާފައި ތަވާފައެވެ. މައާފުދިނީމާ ރަށަށްދިޔަމީހުން، ފަހުން ސިޓީ ފޮނުވައިގެން މާލެގެނެސް ބަނޑު ބިންމަތީގައިޖައްސައި ހަތަރުފަށް އެއްތެލުން ތަޅައި ދިގުމުއްދަތަށް އަރުވާލެއްވީއެވެ.

ކުޑައިރުކޮޅަކު ވިސްނާވަޑައިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ އެދުވަސްވަރުގެ ހާލުހިތްޕުޅަށް ގެނެސް ބައްލަވާށެވެ! މާލެއައި މީހުން ގެތެރެއިން ބަޔަކަށް ރަށަށް ދެވުނުއިރު އަނެއްބަޔަކު އަރުވާލެވުނީއެވެ. ހެސްކިޔާފައި ތަޅާލާފައެވެ. މައާފުދިނީމާ ރަށަށްދިޔަމީހުން، ފަހުން ސިޓީ ފޮނުވައިގެން މާލެގެނެސް ބަނޑު ބިންމަތީގައިޖައްސައި ހަތަރުފަށް އެއްތެލުން ތަޅައި ދިގުމުއްދަތަށް އަރުވާލެއްވީއެވެ. ވެރިއަކަށް ހުންނެވީ މުޙައްމަދު އަމީނެވެ. މަޢާފުދެއްވީވެސް މުޙައްމަދު އަމީނެވެ. މަޢާފު ދެއްވިމީހުން އަލުން މާލެ އަންނަން ސިޓީ ފޮނުވީވެސް މުޙައްމަދު އަމީނެވެ.

ހަމައޭގެ 10 ވަރަކަށްއަހަރުފައެވެ. ދޫނިދޫގައި ބަންދުކުރެވިފައިވަނިކޮށް ވެރިކަމުގެ ދަހިވެތިކަމުގައި ރޭގަނޑު މެންދަމު ސިއްރުން މާލެއަރާވަޑައިގަތުމުގެ ނަތިޖާއަކަށްވީ ރުޅިއައިސްފައިތިބި ރައްޔިތުން ނުކުމެ ތަޅައިގަތްގޮތުން އޭނާގެ އެތެރެހަށި ވިރުވާލައި، ހެދުންވީދާލައި އޮރިޔާންކޮށް، ބައްތެއްޔެއްގެ ތައްޓުމައްޗަށް އެއްލާލައި، އޮރިޔާން ނިވާކުރަން ގައިމަތީގައި ތެތްހޯނިގަނޑެއް އެޅުމެވެ. ހަށިގަނޑުގެ ހަޑިތައް ބޯން އައީ ގުއިވަޅު މެއްސާއި މެހީގެ ލަޝްކަރުތަކެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ކޮޅެއް ނެތިފައި ބޮޑުކަން ބޮޑުކަމާއެވެ.

ވެރިކަމާއި ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި ތިމާކަހަލަ އަނެކުނަށް އަނިޔާވެރިވުމަކީ، ވެރިކަމުގައިތިބި، އަދި ވެރިކަމަށް ދަހިވެތިވެގެންއުޅޭ ކޮންމެމީހަކުވެސް ވިސްނާނުލަންވީ ކަމެކޭ އަޅުގަނޑަކަށް ހިއެއްނުވެއެވެ. ފެނި ތަޖުރިބާ ކުރެވިފައިވާ އެފަދަކަންކަމުގެ ނަތިޖާ ހިތިކަމުންނެވެ.

ހިތްޕުޅަށް ގެންނަވަބައްލަވާށެވެ! އުތުރުގަޑުބަޑުގައި މާލެއައި ގިނަބަޔަކު އަރުވާލެވުނީމާ އެމީހުންގެ މުސްކުޅި މައިންބަފައިންނާ އަނބިންނާ ކުދިދަރިން ދިރިއުޅޭނީ ކިހިނެއްތޯއެވެ؟ ކަނބިއްޔާއި، ކުކުޅުފަދަ ތަކެތި ބިންމަތިން ހޮވާކައި އުޅުނަސް އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން އުޅޭނީ........؟"

އުތުރުގެ ރައްޔިތުންނަށް ކުރިމަތިވި ތަދުމަޑުކަމުގައި ދައުލަތުގެ އިހުމާލާއި މެދު އުތުރުގެ ރައްޔިތުން ކެތްތެރިކަން ކޮޅުންލައި، ހައްޤު މިންވަރު ހޯދުމަށް ފެށި ދަތުރަކީ “އުތުރު ގަޑުބަޑު” ގެ ގޮތުގައި ނުވަތަ “ތިލަދުންމަތީގެ ބަޣާވާތު” ގެ ގޮތުގައި ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް އުތުރުގެ ރައްޔިތުން ދެކެނީ އެ މަސައްކަތަކީ ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައްކަތެއްގެ ގޮތުގައެވެ.

މީގެ 77 އަހަރު ކުރިން ރާއްޖެ ބަނޑަށްޖެހި، ތިލަދުންމަތީގެ ރައްޔިތުން ހާލުގައި ޖެހުމުން އެ ރައްޔިތުން ދުށީ އެކަމުގައި ދައުލަތުން އަޅައިލަންވާ މިންވަރަށް އަޅައިނުލާ އިހުމާލު ވަމުން ދާކަމަށެވެ. މަރާއި ދިރިތިބުން އޮތީވެސް ބަނޑުފުރާނަމުއްތި ކޮށްގެން ކަމަށްވީއިރު އެރަށްޔިތުން އަތުގުޅާލީ އެކަމަށް ހައްލު ހޯދައި ވީހާލެއްގައިވާށެވެ. އެއީ ދައުލަތާއި ދެކޮޅުވެރިވެ ބަޣާވާތެއް ކުރުމުގެ ވިސްނުން ތިލަކޮށްގެން ކުރިކަމެއް ނުމެ ނޫންމެއެވެ.

ތިލަދުންމަތީގެ ބަނޑުންވިހެއި، އުތީމު މުޙައްމަދު ތަކުރުފާނާއި، ކުޅުދުއްފުށީ ހުސައިން އާދަމް ފަދަ ޤައުމީ އަބުތާލުންނަކީ މިޤައުމުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށް ދިނުމުގެ ތާރީޚު ހެކިދޭ ތިލަދުންމައްޗާއި، ޤައުމުގެ ފަޚުރުންނެވެ.