ވޯލްޑް ކަޕްގެ ގަދަ 16 ގައި އަންނަ އާދީއްތަ ދުވަހު މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ކުޅޭ ވަގުތު، މެކްސިކޯ ސިޓީއަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، މެޗު ކުރިން ތާވަލުކުރި ވަގުތަށްވުރެ އަވަސްކުރުމަށް ފީފާއިން މަޝްވަރާ ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި ހޯމަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 6:00 ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު އަވަސްކުރުމުގެ ފުރުސަތު އޮތްކަމަށް، މިކަމުގެ މަޢުލޫމާތު ހުރި ފަރާތަކުން ބޭރުގެ ބައެއް ނޫސްތަކަށް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ވެއެވެ. ފީފާއިން އެންމެ ބޮޑަށް ކަންބޮޑުވަނީ ވާރޭގެ ސަބަބުން ފެންބޮޑުވެ މެޗަށް ބުރޫއަރާފާނެތީއެވެ.
މެޗު ކުޅޭ ވަގުތު ބަދަލުކުރުމާ ގުޅޭގޮތުން މެކްސިކޯގެ ކޯޗު ހާވިއޭ އަގީރޭ ވަނީ ނުރުހުން ފާޅުކޮށްފައެވެ.
"މިއީ ވަރަށް ބޮޑު ދަތިކަމެއް. މިހާރު ހުރިހާ ކަމެއް ބަދަލުކުރަން މިވަނީ ޖެހިފައި. މިއީ ހަ ގަޑިއިރުގެ ޕްލޭނިންގ އުކާލުން ކަހަލަ ކަމެއް،" ރޭޑިއޯ ފޯމިއުލާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފަވެއެވެ. އަދި ފީފާގެ ނިންމުމަށް އިޙްތިރާމް ކުރާނެ ކަމަށާއި، ނަމަވެސް އޭނާ އާއި ކުޅުންތެރިންވެސް މި ބަދަލާމެދު ހިތްހަމަނުޖެހޭ ކަމަށް އޭނާ ބުންޏެވެ.
މެޗު އަވަސްކުރުމަކީ އިންގްލެންޑްގެ ތައްޔާރުވުންތަކަށްވެސް އަސަރުކުރާނެ ކަމެކެވެ. އިންގްލެންޑް ޓީމު މެކްސިކޯއަށް ދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރުއެވެ. އަދި ހޮނިހިރު ދުވަހުގެ ފަރިތަކުރުންތައް ޔޫ.އެން.އޭ.އެމް ޕޫމާސް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މެޗު އަވަސްކޮށްފިނަމަ މެކްސިކޯ ސިޓީގެ މަތީ އުސްމިނަށް ހޭނުމަށް އެ ޓީމަށް ލިބޭ ވަގުތު ވަރަށް ބޮޑަށް ކުޑަވާނެއެވެ.
ކަނޑުގެ ސަތަހައަށްވުރެ 7,300 ފޫޓު (2,200 މީޓަރު) އުސްމިނުގައި ހުންނަ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅޭއިރު، އޮކްސިޖަން މަދުވުމުގެ ސަބަބުން ކުޅުންތެރިން ވަރުބަލިވުން ކުޑަކުރުމަށްޓަކައި އެ މާޙައުލަށް ހޭނުމަށް ވަގުތު ބޭނުންވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސައިންސްވެރިން ލަފާދެނީ މިފަދަ އުސް ތަންތަނުގައި ކުޅުމުގެ މަދުވެގެން ދެ ހަފްތާ ކުރިން އެ ތަނަކަށް ދިއުމަށެވެ. ނޫންނަމަ މެޗާ ވީހާވެސް ކައިރިކޮށް ގޮސް މެޗު ނިންމާފައި ވަގުތުން އެނބުރި ދިއުމަށެވެ.
މި މެޗަކީ މިފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ ސިޓީގައި ކުޅޭ ފަސްވަނަ އަދި އެންމެ ފަހު މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!