މަތިމަތިން ކަމެއް ކޮށްލައިގެން ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ޙައްލު ނުކުރެވޭނެ ކަމަށާއި، އެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަނީ މާނަހުރި ގޮތެއްގައި އޭގެ އަސްލު ސަބަބުތަކަށް އަމާޒުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާނުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމަޢަށް ބޭނުންހިފޭ، އަބުރުވެރި ބައެއްގެ ގޮތުގައި ބިނާކުރުން ކަމަށެވެ. އަދި މި މައްސަލައިގެ ހަޤީޤީ "ރޫޓްކޯޒް" ނުވަތަ އަސްލު ސަބަބުތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލައާއި، މީގެ ކުރިން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަށާޖެހޭ ޙައްލެއް ހޯދުމުގެ މަސައްކަތް
މަސްތުވާތަކެތީގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށްޓަކައި، ޒުވާނުންނަށް އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކުދި ވިޔަފާރިތަކަށް އެހީތެރިވުމާއި، އަންހެނުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ދުޅަހެޔޮ ޞިއްޙީ ނިޒާމަކާއި ފެންވަރު ރަނގަޅު ތަޢުލީމީ ފުރުސަތުތައް އިތުރުކުރުމަކީ ޒުވާނުން ކުށްކުރުމުގެ ތެރެއަށް ވަނުން ހުއްޓުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މަތިމަތިން ކަމެއް ކޮށްލައިގެން މިކަން ޙައްލު ނުކުރެވޭނެ. ސަރުކާރުން މިކަމުގެ ރޫޓްކޯޒްތަކަށް އެޑްރެސްކުރަނީ މާނަހުރި ގޮތެއްގައި، އެކަންކަމުން ހަޤީޤީ ބަދަލު އަންނާނެގޮތަށް،" ރައީސް ވިދާޅުވިއެވެ.
އުތުރުތިލަފަޅުގައި ޚާއްޞަ މަޝްރޫޢެއް
ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، އުތުރުތިލަފަޅުގެ ވަކި ސަރަޙައްދެއް ކަނޑައަޅައިގެން ޚާއްޞަ މަޝްރޫޢެއް ހިންގުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިއީ ޚަރަދު ބޮޑު މަޝްރޫޢެއް ނަމަވެސް، އެންމެ ޒަމާނީ ފެންވަރުގައި މިކަމަށް ދާއިމީ ޙައްލެއް ގެނައުމަކީ ސަރުކާރުގެ މަޤްޞަދެކެވެ.
މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށާއި، މާލަސްތަކެއް ނުވެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި މި މަސައްކަތުގެ ނަތީޖާ ފެނިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!