ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ސްވިޒަލޭންޑް އަތުން 2-0 އިން ބަލިވެ އަލްޖީރިއާ މުބާރާތުން ކެޓުމާ ގުޅިގެން، އެ ގައުމުގެ ތަރި ރިޔާދު މަހްރޭޒް ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާންކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ މަހްރޭޒް މި ނިންމުން ނިންމީ ބުރާސްފަތި ދުވަހު ކުޅުނު މެޗަށްފަހުއެވެ.
މެޗަށްފަހު ވާހަކަދައްކަމުން މަހްރޭޒް ބުނީ، ކެރިއަރުގައި ރަނގަޅު ވަގުތުތަކާއި އުނދަގޫ ވަގުތުތައް ވެސް ކުރިމަތިވި ކަމަށާއި އެއީ ކެރިއަރުގެ ބައެއް ކަމަށެވެ.
"ނަމަވެސް އަލްޖީރިއާ ތަމްސީލުކުރުމަކީ ކުޑައިރުއްސުރެ އަހަރެން ދެކެމުން އައި ހުވަފެނެއް. ގައުމަށް ކުޅުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް އަދި ފަހުރެއް،" މަހްރޭޒް ބުންޏެވެ. އޭނާ އިތުރަށް ބުނީ މިއީ އާ ޖީލަށް ފުރުސަތު ދޭންވީ ވަގުތު ކަމަށެވެ.
މެޗު ނިމިގެން ދަނޑުން ފައިބައިގެން ދިޔައިރު، މަހްރޭޒް ވަނީ ސަޕޯޓަރުންނަށް ހިތްވަރުދީ، އޭނާގެ ހިތުގައި އަތްޖައްސާލުމަށްފަހު ސަޕޯޓަރުންނަށް ވަދާއީ ސަލާމެއް ކޮށްފައެވެ.
ސައުދީ އަރަބިއްޔާގެ އަލް-އަހްލީއަށް މިހާރު ކުޅެމުން އަންނަ މަހްރޭޒްއަކީ ކްލަބް ލެވެލްގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.
އުމުރުން 35 އަހަރުގެ ފޯވާޑް ބައިނަލްއަގުވާމީ ފުޓްބޯޅައިން ވަކިވީ އަލްޖީރިއާގެ ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދީ (119 މެޗު) އަދި ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން (40 ލަނޑު) ކުޅުންތެރިޔާގެ މަގާމުގައެވެ. އޭނާއަކީ 2019 ވަނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި އަލްޖީރިއާ ޓީމުގެ މުހިންމު މެންބަރެކެވެ.
ކްލަބް ފުޓްބޯޅައިގައި މަހްރޭޒް ވަނީ ލެސްޓާ ސިޓީއާއެކު އެއް ފަހަރު އަދި މެންޗެސްޓާ ސިޓީއާއެކު ހަތަރު ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މެންޗެސްޓާ ސިޓީއާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!