ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތަކީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށި ފުރަތަމަ ފަހަރެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ވަނީ އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން ދެއްވާ ޝަރަފުވެރި އެވޯޑެއް ކަމަށްވާ "އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑަރ ޔުނިޓް އެވޯޑް" ހާސިލުކުރެއްވި ރާއްޖޭގެ 14 ގައިޑަރަކަށް އެވޯޑް ޙަވާލުކޮށްދެއްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، މިއީ ދިވެހި ގަރލް ގައިޑް ޚިދުމަތަށް 75 އަހަރު ފުރޭ ފަޚްރުވެރި އަހަރު ކަމަށެވެ. އަދި ގަރލް ގައިޑް ޙަރަކާތަކީ މީހުން ބިނާކުރުމުގެ ތެރެއިން އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް،" އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން، ގައިޑާޒް ވޮރަންޓް ލިބިވަޑައިގަތް ފަރާތްތަކަށް ބެޖާއި ހަނދާނީ ލިޔުން ޙަވާލުކުރުމާއި، ކުއަރޓަރ މާސްޓަރ، ފަސްޓް އެއިޑް ބެޖް އަދި ސާވިސް އެވޯޑްތައް ޙަވާލުކުރުންވެސް ކުރިއަށްދިޔައެވެ.

މި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއާއި، ކުރީގެ ޗީފް ގައިޑް ފަޒްނާ އަޙްމަދުގެ އިތުރުން ވެގްސްގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ގަރލް ގައިޑުން ބައިވެރިވިއެވެ.

1951 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފުވި ގަރލް ގައިޑް ހަރަކާތް މިހާރު ވަނީ ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށަށް ފުޅާވެފައެވެ. މި ހަރަކާތުގައި މިހާރު 14,000 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީވެފައިވާއިރު، ޤައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރަން ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.