ދިފާއީ ހިދުމަތްތައް ވަރުގަދަކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތްދޭ ތަނަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ.

Ad
rt

"ކޮންމެ ދުވަހަކު ގައުމުގެ އަމަން އަމާންކަން ރައްކާތެރިކުރުމަށް މުޖުތަމައުގައި ތަންފީޒީ އިދާރާއެއްގެ ގޮތުން ފުލުހުންގެ ފަރާތުން ދެއްވާ ހިދުމަތަކީ ވަރުގަދަ ގައުމީ ހިދުމަތެއް. ވެވަޑައިގަންނަވާ ވަރަށް ބޮޑު ގުރުބާނީއެއް،" ރައީސް ވިދާޅުވިއެވެ.

މިއާއިއެކު ފުލުހުންގެ އާއިލާތަކުން ވެސް ކުރަނީ ވަރުގަދަ ގައުމީ ޖިހާދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ފުލުހުންގެ މުއައްސަސާ ވަރުގަދަކުރުންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މުޖުތަމައުގައި ހުރި ނުރަނގަޅު އާދަތަކާއި ދަތިތައް ހައްލުކުރުމަށް ފުލުހުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ވަކި ފަރާތަކަށް ނުޖެހި، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ފުލުހުން ކުރާ މަސައްކަތުގެ ސަބަބުން މުޖުތަމައަށް ދާއިމީ ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ފުލުހުންގެ ހިދުމަތް ފުރިހަމައަށް ދިނުމަށް މިހާރު އޮތް ގާނޫނުގެ ސަބަބުން ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ފުލުހުންގެ ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެކަމާ ގުޅޭ ދިރާސާތައް ސަރުކާރަށް ހުށަހެޅުމުން، ބޭނުންވާ ބަދަލުތައް ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާނެކަން ރައީސް އިއުލާނުކުރެއްވިއެވެ. އޭގެ ތެރޭގައި ދ. ވާނީގައި ސްޓޭޓް އޮފް ދަ އާޓް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމާއި، އިސްކަންދަރުކޮށި 2 ގައި އައު އިމާރާތެއް ބިނާކުރުމާއި، ހުޅުމާލެ ފޭސް 2 ގައި ބޮޑު މަރުކަޒެއް އެޅުން ހިމެނެއެވެ. މި މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުތައް އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.