ހުރިހާ ގިންތިއެއްގެ ވިޔަފާރިވެރިންނަށް ވެސް ރާއްޖޭގައި ކުރިއަރައި ދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިޤްތިޞާދެއް ބިނާކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިޤްތިޞާދުގެ ވަރުގަދަކަން ސީދާ ގުޅިފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުން ހޯދައިދީ، ފުރުޞަތުތައް ފަހިކޮށްދޭ އެތައް ހާސް ކުދި ވިޔަފާރިތަކާއެވެ. އަދި ވަރުގަދަ އަދި ވިލުންތެރި ދިވެހި އިޤްތިޞާދެއް ބިނާކުރުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ 'މޯލްޑިވްސް 2.0' ސިޔާސަތުގެ ދަށުން، މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި، އިންފްރާސްޓްރަކްޗަރގެ އިތުރުން ބައިނަލްއަޤްވާމީ މާކެޓްތަކަށް އޮތް ފުރުޞަތުތައް ފުޅާކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން ސަގާފީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކާއި، 'ކްރިއޭޓަރ ހަބް' އާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ޑިޖިޓަލް ފައިނޭންސިންގ ތަޢާރަފުކުރުން ހިމެނެއެވެ.
މީގެ އިތުރުން، އަލީބާބާ އާއި ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ މަންސަތައް މެދުވެރިކޮށް ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް މަގުފަހިކޮށްދިނުމާއެކު، ކުރިއެރުމާއި ކާމިޔާބީގެ އައު މަގުތައް ކޮށައިދެމުންދާކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ފުރުޞަތުތަކަކީ އެންމެނަށްވެސް ހަމަހަމަކަމާއެކު ލިބޭ އެއްޗަކަށް ހެދުމެވެ. "2026 އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ކުރެވިފައިވާ ދެ އަހަރު" ކަމުގައި ރައީސް ވިދާޅުވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ވިޔަފާރިވެރިއަކަށްވެސް ކުރިއަރައި ދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިޤްތިޞާދެއް ބިނާކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!