ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ހުރިހާ ދިވެހީން އަތުގުޅާލުމަށާއި، މި ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ވިޔަފާރިތަކުން އިސް ދައުރެއް އަދާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު އިއްޔެ ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކު އަތޮޅު، މުލަކު ސްކޫލު ހޯލުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އިއްޔެ ފެށެނީ ދުންފަތާ ދުރުހެލިވުމުގެ ޚާއްޞަ ޤައުމީ ކެންޕޭނެއް ކަމަށާއި، މިއީ ނަތީޖާ ފެންނާނެ ހެޔޮ މަސައްކަތެއްކަމުގައި އެކަމަނާ ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މި ކެންޕޭނުގެ ސަބަބުން، މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރުގައި ބާރުއަޅާ ކަންކަމަށް ޚާއްޞަ އިސްކަމެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އެކަމަށް ހިތްވަރުދޭ ގޮތަށް މަގުފަހިވެފައިވާ ކަންތައްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައި، މެޑަމް ސާޖިދާ ވަނީ މި ބޮޑު ޤައުމީ މައްސަލައިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ހުރިހާ ދިވެހީން އަތުގުޅާލުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްޞަކޮށް، ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން މި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި އިސްދައުރެއް އަދާކުރުމަށާއި، ދިވެހި މުޖުތަމަޢުގެ ސަލާމަތަށްޓަކައި ވިޔަފާރިވެރިން އިސްނެންގެވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ "އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ" ގެ ލޯގޯ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޤައުމީ ކެމްޕޭނެކެވެ.

މީގެ އިތުރުން، މި މުނާސަބަތާ ގުޅޭ ލައިވް ކެންވަސްގައި ކުލަޖައްސަން ފައްޓަވައިދެއްވައި، ޕްލެޖް ބޯޑުގައި އެކަމަނާ ވަނީ ޚާއްޞަ މެސެޖެއް ލިޔުއްވާފައެވެ. އެ މެސެޖުގައި އެކަމަނާ ގޮވާލެއްވީ ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި އެންމެހާ ފަރާތްތަކުން ދުންފަތަށް ނޫނެކޭ ބުނުމަށެވެ.