ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި ފުވައްމުލައް ސިޓީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާން އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރުއެވެ.
މި ސެންޓަރާއި ގުޅޭގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ސެންޓަރު ހުޅުވުމާއެކު ފުވައްމުލައް ސިޓީގައި ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް އިތުރުކޮށް، މުދައްރިސުންގެ އަދަދުވެސް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ފުވައްމުލަކު ސިޓީގެ އިސްލާމީ މަރުކަޒުގެ ޑިޒައިން ނިމި، ކައުންސިލްގެ ލަފާ ހޯދުމަށް މިހާރު ފޮނުވާފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ފުވައްމުލަކު އިސްލާމީ މަރުކަޒު ނިމުމުން ޤުރުއާނާ ބެހޭ މަރުކަޒުގެ ޚިދުމަތްތައް އެތަނަށް ބަދަލުވާނެ ކަމަށެވެ. އަދި މިހާރު ހުޅުވުނު އައުޓްރީޗް ސެންޓަރުގެ ބިނާ ބަދަލުވެގެންދާނީ ވަޤުފު ބިނާއަކަށް ކަމަށާއި، އެތަނުން ލިބޭ އާމްދަނީ ޚަރަދު ކުރާނީ ފުވައްމުލައް ސިޓީގެ ދީނީ ކަންކަމަށް ކަމަށްވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
މިއަދު ހުޅުވި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރުގައި ފަސް ކުލާސްރޫމާއި، ނަމާދު ކުރާ ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ކުރާ ކޮޓަރިއެއްގެ އިތުރުން އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި މީޓީންގ ރޫމެއް ހިމެނެއެވެ.
ސަރުކާރުން މިހާރުވެސް ރާއްޖޭގެ 16 ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކީރިތި ޤުރުއާނުގެ ދާއިރާއަށް ދޭ އަހައްމިއްޔަތުކަން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!