ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢުތަކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެއްވެސް މީހަކަށް ނުވަތަ ޢާއިލާއަކަށް ނާޖާއިޒު އިސްކަމެއް ނުލިބޭނެ ކަމަށެވެ. މިގޮތުން ގޯއްޗާއި ފްލެޓްތައް ދޭއިރު ވަކި މީހަކަށް ނުވަތަ ވަކި ޢާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ އެއް ކަންތައް ކަމުގައި ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމަކީ އެންމެ ޟަރޫރީ ޙައްޤު ކަމަށްވާތީ އެ މަސައްކަތް އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމަށާއި، މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން މާލޭ ސިޓީގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މަގުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ޕާކިންގް މައްސަލައަށް ހައްލު ހޯދުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މި މައްސަލަތައް ހައްލުކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.