ށ. ކަނޑިތީމު ފަޅު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ސަބަބުން ފަޅު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އެ އުޅަނދު ނެގުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ.
ކަނޑިތީމު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށު ފަޅުތެރޭގައި އަޑިއަށް ގޮސްފައިވަނީ ރަޖިސްޓްރީ ނަންބަރު P6673A-04 ދޯނި ކަމަށެވެ. މި އުޅަނދު ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގައި އޮތުމުގެ ސަބަބުން އޭގެ ބައިތައް ހަލާކުވެ، ފަޅުތެރެއަށް ފެތުރެމުންދާކަން ކައުންސިލަށް ވަނީ ފާހަގަކޮށްފައެވެ.
މިކަމުގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން، އިއްޔެއިން ފެށިގެން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތުން އެ އުޅަނދު ފަޅުތެރެއިން ނަގައި، ފަޅު ސާފުކުރުމަށް ވަނީ އަންގާފައެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ، ދީފައިވާ މުއްދަތުގެ ތެރޭގައި އުޅަނދު ނުނަގައިފިނަމަ، ބަނދަރު ބެލެހެއްޓުމުގެ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
މި އިއުލާނާއެކު ކައުންސިލުން ވަނީ އަޑިއަށް ގޮސްފައިވާ އުޅަނދުގެ ފޮޓޯވެސް އާންމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!