އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރައިފި ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ރާއްޖޭގެ ދީނީ އުމްރާނީ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ހިމެނެއެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި 45 މިސްކިތެއްގެ މަޝްރޫޢު އާއި، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން 16 ޤުރުއާން ސެންޓަރުގެ މަޝްރޫޢާއި ވަޤްފު ބިނާކުރުމުގެ 6 މަޝްރޫޢެއް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާކުރާ "ދާރުލްއަރުޤަމް" އަދި ހުޅުމާލޭގައި ބިނާކުރާ "ދާރުއްސަލާމް" ވަޤްފު ޢިމާރާތް ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާކުރުމުގެ މަސައްކަތް ފެށުމަށްވެސް ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް އަމާޒު ހިފާފައިވާއިރު، މި މަޝްރޫޢަށް ބޭނުންވާ ފައިނޭންސިންގ ރާއްޖޭން ބޭރުގެ ފަރާތަކުން ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!