ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށާއި، ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރައްވާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަކުރާ އދ. ގެ ޕަބްލިކް ސަރވިސް ޑޭ ނުވަތަ ދައުލަތުގެ ޚިދުމަތްތެރިންގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި، މުޖުތަމައުތަކުގެ ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، މުޅި ދުނިޔޭގެ ރައްކާތެރިކަމަށްޓަކައި ވަރުބަލިކަމެއްނެތި މަސައްކަތްކުރައްވާ ދައުލަތުގެ ޚިދުމަތްތެރިންގެ އިޚްލާޞްތެރި އަދި ސާބިތު މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާފައިވެއެވެ.

މިއާއިއެކު ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދިވެހިރާއްޖޭގެ ދައުލަތުގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ބަހައްޓަވާ ސާބިތުކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޕަބްލިކް ސަރވިސް ޑޭ

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަހަކީ އދ. އިން ބައިނަލްއަޤުވާމީ ފެންވަރުގައި ދައުލަތުގެ ޚިދުމަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމައަށް ދައުލަތުގެ ޚިދުމަތުން ކުރާ ފައިދާއާއި އޭގެ އަގު ވަޒަންކުރުމެވެ. މީގެ އިތުރުން، އިޤްތިޞާދީ އަދި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމުގައި ދައުލަތުގެ އިދާރާތަކުން އަދާކުރާ ދައުރު ފާހަގަކޮށް، ޒުވާނުން ދައުލަތުގެ ޚިދުމަތުގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމަކީވެސް މި ދުވަހުގެ މަޤްޞަދެކެވެ.

ދައުލަތުގެ ޚިދުމަތްތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2002 ވަނަ އަހަރުގެ ޑިސެމްބަރު 20 ގައި އދ. ގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރަކާ ގުޅިގެންނެވެ. އެންމެ ފުރަތަމަ މި ދުވަސް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްފައިވަނީ 2003 ވަނަ އަހަރުގެ ޖޫން 23 ގައެވެ. މި ދުވަހާ ގުޅިގެން ކޮންމެ އަހަރަކުވެސް އދ. އިން ދަނީ އައު އީޖާދުތަކާއެކު ޚިދުމަތްދޭ މުއައްސަސާތަކަށް ޚާއްޞަ އެވޯޑުތަކެއް ދެމުންނެވެ.

މިހާރު ދުނިޔޭގައި މި ދުވަސް ފާހަގަކުރާއިރު އެންމެ ބޮޑު އިސްކަމެއް ދެނީ އދ. ގެ 2030 ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މުއައްސަސާތައް ބައްޓަންކުރުމަށެވެ. މީގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.