ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓާއި، އެ ދިރާސާގެ މައްޗަށް ބިނާކޮށް އެކުލަވާލެވުނު "ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ހެލްތާއި، ޔުނިސެފް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ހިންގާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީންގ ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

Ad
rt

މި ހަރަކާތުގެ ތެރެއިން އާންމުކުރި ދިރާސާ ރިޕޯޓުން ހާމަވާގޮތުގައި، އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރެއެވެ. އަދި އާއިލީ ހަމަޖެހުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މުއާމަލާތް ކުރުން ކުޑަވުންކަން މި ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކައިވެނީގެ ކުރިން ފެށިގެން، ވަރިވުމަށްފަހު ހޭދަކުރާ މަރުހަލާތަކުގައިވެސް އާއިލާތަކަށް ނާޒުކު ހާލަތްތައް ކުރިމަތިވާކަން މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި ވާހަކަދައްކައިގެން ސުލްހަވެރި ހައްލު ހޯދައިދޭނެ ޤާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމެވެ. މިކަމުގެ ސަބަބުން މައްސަލަތައް ބޮޑުވެ ކާރިސާއަކަށް ބަދަލުވުމުގެ ކުރިން ހައްލުކުރުމުގެ ފުރުސަތު ފަހިވެ، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ދެކެއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތާވަލުތައް މިހާރު ވަނީ އެކުލަވާލާފައެވެ. އެގޮތުން ޕްރޮގްރާމްގެ "ޓްރެއިނިންގ އޮފް ޓްރެއިނާސް" ބައި މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މީޑިއޭޓަރުން ތަމްރީނުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ.

މި ތަމްރީނު ފުރިހަމަކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބެލެހެއްޓުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން އާއިލީ މައްސަލަތަކަށް ލުއިފަސޭހަ އަދި ސުލްހަވެރި ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.