ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކުގެ އިސްވެރިންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކުގެ އިސްވެރިންނަށް ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކުގެ އިސްވެރިންނަށާއި، އެކި ޖަމާޢަތްތަކަށް އާ އަހަރުގެ ތަހުނިޔާ ވަނީ ރައްދުކުރައްވާފައެވެ.
މި މެސެޖުގައި ރައީސް ވަނީ މި ފެށުނު ހިޖުރީ އާ އަހަރަކީ އަމިއްލަ ނަފުސާއި މުޖުތަމަޢުގެ ޙާލަތާމެދު ފުންކޮށް ވިސްނައި، އެއްބައިވަންތަކަން އާލާކުރަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ. އަދި މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް، އަމިއްލަ އެދުމެއްނެތި، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫޙު އާލާކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
މީގެ އިތުރުން، ރައީސްގެ މެސެޖުގައި ވަނީ މުޅި އިސްލާމީ އުންމަތަށް ދެމިގެންދާފަދަ ސުލްހަވެރިކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަން މިންވަރުކޮށްދެއްވުން އެދި ދުޢާދަންނަވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މުޅި އިސްލާމީ އުންމަތަށް ހެޔޮ ދުޢާފުޅަކާއެކުގައެވެ. އެގޮތުން، ކުރިއަށް އޮތް އަހަރަކީ އިސްލާމީ އުންމަތުގެ އީމާންތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ އަހަރަކަށް ވުމަށް އެދިވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!