ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ގައި ފުރަތަމަ ފަހަރަށް ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި މިއީ އެ ހޮސްޕިޓަލުގެ ތާރީޚުގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.
އޭއެސްއެމްއެޗް އިން ބުނި ގޮތުގައި، މި ސާޖަރީގައި ކުރިއަށް ގެންގޮސްފައިވަނީ ބަލިމީހާގެ ވާތްފަރާތުގެ އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުމުގެ މަސައްކަތެވެ.
ލެޕަރޮސްކޯޕިކް ސާޖަރީއަކީ ބޮޑުތަން ކޮށާނުލައި، ކުދި ލޯވަޅުތަކެއް މެދުވެރިކޮށް ކުރިއަށްގެންދާ ޒަމާނީ އޮޕަރޭޝަނެކެވެ.
މި ތާރީޚީ ސާޖަރީ އިސްވެ ހުންނަވައި ކުރިއަށް ގެންދެވީ ޑރ. ޢުބައިދު އަބްދުﷲ އެވެ. އޭނާގެ އިތުރުން ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން މި ސާޖަރީގައި ބައިވެރިވިއެވެ. މި ޓީމުގައި ހިމެނެނީ ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. މުޙައްމަދު އަމީން މުޙައްމަދު ޙަމްޒާ، ޑރ. މަޙްމޫދު ސަޢީދު އަދި އަޙްމަދު މުޙައްމަދު ސާދު އެވެ.
އޭއެސްއެމްއެޗް އިން ވަނީ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމަށް ޑޮކްޓަރުންގެ ޓީމުން ދެއްކި ފަރުވާތެރިކަމާއި ކުރެއްވި ބުރަ މަސައްކަތަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
''މިއީ މި ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް، އައު އުސްމިންތަކަކަށް ވާޞިލުވުމަށް ކުރެވޭ މަސައްކަތުގައި ހޯދުނު ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެއް'' އޭއެސްއެމްއެޗް އިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!