އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ކެނެޑީ ސެންޓަރުގެ ކުރިމަތީގައި ހަރުކޮށްފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން، ފަނޑިޔާރަކު ކުރެއްވި އަމުރަކާ ގުޅިގެން އެ އިމާރާތުން ނަގައިފިއެވެ.

އެ މަރުކަޒުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައިވަނީ ކޯޓުގެ އަމުރާ އެއްގޮތަށް މިހާރު އަމަލުކޮށްފައިވާނެ ކަމަށާއި، އިމާރާތުގެ ބޭރުންނާއި، ވެބްސައިޓުން އަދި އެހެނިހެން ތަންތަނުން ޓްރަމްޕްގެ ނަން އުނިކޮށްފައިވާ ކަމަށެވެ.

Ad
rt

ފެޑަރަލް ފަނޑިޔާރަކު މިދިޔަ މަހު ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ، އެ މަރުކަޒުގެ ނަމަށް ޓްރަމްޕްގެ ނަން އިތުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ޖޫން މަހުގެ 12 ވާ ހުކުރު ދުވަހުގެ ކުރިން އެ ނަން ނެގުމަށް ފަނޑިޔާރު ވަނީ އަމުރުކުރައްވާފައެވެ. މި އަމުރު ތަންފީޒުކުރުން ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން އެންމެ ފަހު ވަގުތު ކުރި މަސައްކަތްވެސް ފަނޑިޔާރު ވަނީ ބޭކާރުކޮށްލައްވާފައެވެ.

މި މައްސަލަ އުފެދުނީ އެމެރިކާގެ ގާނޫނުން ރައީސް ޖޯން އެފް ކެނެޑީގެ ހަނދާނީ ބިނާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ސަގާފީ މަރުކަޒުގެ ނަން ބަދަލުކުރުމާ ގުޅޭގޮތުން އުފެދުނު ގާނޫނީ ބަހުސެއްގެ ތެރެއިންނެވެ. ޔޫއެސް ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ކްރިސްޓޮފަރ ކޫޕަރ މޭ މަހުގެ ފަހުކޮޅު ނިންމެވި ގޮތުގައި، ކޮންގްރެސްގެ ހުއްދަ ނެތި އެ މަރުކަޒުގެ ނަން ބަދަލެއް ނުކުރެވޭނެއެވެ.

ނަން ނެގުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު "ހޭންޑްސް އޮފް ދަ އާޓްސް" ނަމަކަށް ކިޔާ ޖަމާއަތަކުން ވަނީ އެ ސަރަހައްދުގައި މުޒާހަރާކޮށްފައެވެ. ސަރުކާރުގެ ނުފޫޒުން ފަންނުވެރިކަން މިނިވަންކުރުމަށް ވަކާލާތުކުރާ މި ގްރޫޕުން ވަނީ "އެ ނަން ނަގާ!" މިފަދަ އިބާރާތްތަކުން އަޑުއުފުލާފައެވެ. އިސްތިއުނާފީ ކޯޓުންވެސް ސަރުކާރުގެ ހުށަހެޅުން ބޭރުކޮށްލުމުން އެ ސަރަހައްދަށް އެއްވެ ތިބި މީހުން ވަނީ އުފާފާޅުކޮށްފައެވެ.

ރައީސް ޓްރަމްޕް އެ މަރުކަޒުގެ ނަމަށް އޭނާގެ ނަންފުޅު އިތުރުކުރެއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ މަރުކަޒުގެ ބޯޑަށް ބަދަލުތަކެއް ގެންނަވައި، އަމިއްލަފުޅަށް ބޯޑު މެންބަރަކަށް ވެވަޑައިގަތުމަށްފަހު، އެ މަރުކަޒުގެ ޗެއާމަންގެ މަގާމަށް ވަނީ އިންތިހާބުވެވަޑައިގެންފައެވެ. ނަމަވެސް ކޯޓުގެ މި ނިންމުމާއެކު އެ މަރުކަޒުގެ އަސްލު ނަން ވަނީ އިއާދަކުރެވިފައެވެ.