ވޯލްޑް ކަޕް ފައިނަލް މެޗުތަކުގައި ރެފްރީކަން ކުރުމަށް ހޮވުނު ސޯމާލިއާގެ ފުރަތަމަ ރެފްރީ، އުމަރު އަރުތާން އެމެރިކާއަށް އެތެރެވިޔަނުދީ ހިފަހައްޓާފައިވާ ކަމަށް ސޯމާލިއާގެ ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ
. މިއީ ސޯމާލިއާގެ ތާރީޚުގައި ވެސް ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ރެފްރީއެވެ.
މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުން އަރުތާން އެމެރިކާއަށް އެތެރެވިޔަނުދީ ހިފެހެއްޓި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، ސޯމާލިއާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެކުލަވާލާފައިވާ ދަތުރުފަތުރު ކުރުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. އަރުތާން އަތުގައި އެމެރިކާއަށް އެތެރެވުމަށް ބޭނުންވާ ސައްހަ ވިސާ އޮތް ނަމަވެސް، އޭނާ މިހާރު ވަނީ އަނބުރާ އިސްތަންބޫލަށް ފޮނުވާލާފައެވެ.
ސޯމާލިއާގެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ސީނިއާ އެޑްވައިޒަރު އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އީސޭ އަދަން އަބްޝީރު ''އޭއެފްޕީ'' އަށް ވިދާޅުވެފައި ވަނީ އުމަރު އަރުތާން އަކީ އެފްރިކާގެ އެންމެ އިހުތިރާމް ލިބިގެންވާ ރެފްރީންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ. އަދި މުޅި ފުޓްބޯޅަ އާއިލާގެ އެހީތެރިކަން އޭނާއަށް ބޭނުންވާ ކަމަށާއި، އޭނާ އެމެރިކާއަށް އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ފުޓްބޯޅައިގެ އިންސާފުވެރިކަމާއި ރޫހަށް ލިބުނު އުނިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އުމަރު އަރުތާން އަކީ މިއަހަރުގެ ޖޫން އަދި ޖުލައި މަހު ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފައިނަލްސްގައި ރެފްރީކަން ކުރުމަށް ފީފާއިން ހޮވި 52 ރެފްރީންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އޭނާ އަކީ 2018 ވަނަ އަހަރުން ފެށިގެން ފީފާ ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ، އަދި 2025 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ފިރިހެން ރެފްރީގެ ލަގަބު ހޯދާފައިވާ މީހެކެވެ.
މިދިޔަ އޭޕްރީލް މަހު ސޯމާލިއާގެ ރައީސް ހަސަން ޝެއިޚް މަހުމޫދު ވެސް ވަނީ އަރުތާން ހޯދި މި ކާމިޔާބީއަށް ތައުރީފު ކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ "ރެފްރީ އުމަރު ދައްކުވައިދިން ހިތްވަރާއި، ފަންނީ ގާބިލުކަމާއި، އަމާނާތްތެރިކަމަކީ ސޯމާލިއާގެ އާ ޖީލަށް ލިބިގެންދިޔަ ނަމޫނާއެއް" ކަމަށެވެ. މި ހާދިސާއާ ގުޅިގެން ފީފާގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!