އެމްޓީސީސީން ފޯރުކޮށްދޭ "މާލެ ޓެކްސީ ލައިން" ޚިދުމަތުގެ އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.

މިއާއެކު އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށްވެސް މިހާރު ފަސޭހަކަމާއެކު މި ޚިދުމަތް ހޯދޭނެއެވެ.

Ad
rt

މި އެޕްލިކޭޝަން އެންމެ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ ހަމައެކަނި އެޕަލްގެ އައިއޯއެސް ޑިވައިސްތަކަށެވެ. ނަމަވެސް ގިނަ ބަޔަކަށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މިހާރު ވަނީ އެންޑްރޮއިޑް ޕްލެޓްފޯމަށްވެސް މި އެޕް އާންމުކޮށްފައެވެ.

އެޕްލިކޭޝަންގެ މުހިންމު ފީޗަރތައް

މި އެޕްލިކޭޝަން މެދުވެރިކޮށް ދަތުރު ފެށުމުގެ 3 ގަޑިއިރު ކުރިން ދުރާލާ ދަތުރުތައް ތާވަލުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. މީގެ އިތުރުން ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި އެޕް ވޮލެޓް، ބޭންކް ކާޑު، އަދި ސްކޭން އެންޑް ޕޭގެ ޚިދުމަތް ހިމެނެއެވެ.

ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން، ކުއްލި ޙާލަތްތަކުގައި ބޭނުންކުރާނެ އިމަޖެންސީ ފީޗަރއެއްވެސް މި އެޕްގައި ހިމަނާފައިވެއެވެ. އަދި ޓެކްސީގައި އެއްޗެއް ބޭއްވިއްޖެނަމަ އެކަން ރިޕޯޓްކުރެވޭނެ އިންތިޒާމާއި ދަތުރުތަކުގެ ތަފްޞީލު ބަލާލުމުގެ ފުރުޞަތުވެސް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި މި ޚިދުމަތުގައި ބޭނުންކުރަނީ ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތަކެކެވެ. މި އެޕްލިކޭޝަން މިހާރު އެޕަލް އެޕްސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

އެމްޓީސީސީން މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށްފެށީ 2 އޭޕްރިލް 2026 ގައެވެ.