ޑްރޯން ހަމަލާތަކެއްގައި ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ކުވެއިތުގެ ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނުކަމަށް ގައުމުން ބުދަ ދުވަހު ބުނެފިއެވެ.

ކުވެއިތު އެއާޕޯޓްގެ އޮޕަރޭޝަން ވަގުތީގޮތުން ހުއްޓާލަން ޖެހުނުނަމަވެސް މިހާރު ވަނީ އާންމު ހާލަތަކަށް ގެނެސް އަލުން އޮޕަރޭޝަން ފަށާފައެވެ.

Ad
rt

ކުވެއިތުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ސައުދު އަބްދުލްއަޒީޒް އަލް އޯތައިބީ ވިދާޅުވި ގޮތުގައި، ދީފައިވާ ޑްރޯން ހަމަލާތައް އަމާޒުކޮށްފައިވަނީ އެއާޕޯޓުގެ ޕަސިންޖަރުން ބޭނުންކުރާ އިމާރާތަށެވެ. މި ހަމަލާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ކުވެއިތު އެއާވޭޒްގެ އޮޕަރޭޝަންތައް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ.

ކުވޭތުން ތުހުމަތުކުރަނީ މިއީ އީރާނުން ދިން ހަމަލާތަކެއް ކަމަށެވެ. ނަމަވެސް އީރާނުން މި ހަމަލާތަކުގެ ޒިންމާ އުފުލާފައެއްނުވެއެވެ. އަދި މިހާތަނަށް މި ތުހުމަތަށް ޖަވާބުދީފައެއް ވެސް ނުވެއެވެ.

ނަމަވެސް އީރާނުން ވަނީ އެ ގައުމުގެ ވަސީލަތްތަކަށް އެމެރިކާއިން ހަމަލާދެމުން އަންނާތީ ރައްދުގައި ކުވެއިތާއި ބަހްރޭންގައި ހުންނަ އެމެރިކާ އާއި ގުޅުން ހުންނަ ތަންތަނަށް އަމާޒުކޮށް މިސައިލް ދީފައިވާކަމަށް ކުރިން ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވެސް ވަނީ ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާންގެ ގޭޝްމް އައިލެންޑްގައި ހުރި އީރާނުގެ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް އެމެރިކާއިން ހަމަލާދިންކަން ކަށަވަރުކޮށްދީފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުނެފައިވަނީ، އެމީހުން ހަމަލާ ދިނީ ބަހްރޭންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓުގެ މަރުކަޒަށް ކަމަށެވެ. މި ހަމަލާއަކީ އީރާނަށް ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން ދިން ރައްދެއް ކަމަށް އީރާނުން ބުނެއެވެ. ބަހްރޭނުން ބުނި ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އީރާނުން ފޮނުވާލި ތިން މިސައިލާއި ބައެއް ޑްރޯންތައް ވައިގެ ތެރޭގައި ގޮއްވާލާފައެވެ.

މި ހަމަލާތައް ދީފައިވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތައް މެދުކަނޑާލާފައިވާ ކަމުގެ ރިޕޯޓްތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނާއެކު މެދުނުކެނޑި ވާހަކަތައް ދެކެވެމުންދާ ކަމަށާއި، އީރާނުން އެއްބަސްވުމަކަށް އަންނަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ.

މި ހަނގުރާމަ މިހާރު ވަނީ އިޒްރޭލުން ލުބުނާނުގައި ކުރަމުންދާ ހަނގުރާމައާވެސް ގުޅިފައެވެ. އީރާނުން ބާރުއަޅަމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ލުބުނާނުގެ ހަނގުރާމަ ހުއްޓާލުންވެސް ހިމެނުމަށެވެ. ނަމަވެސް އެމެރިކާއާއި އިޒްރޭލުން ދެކޭ ގޮތުގައި ލުބުނާނުގެ މައްސަލައަކީ އީރާނުގެ ހަނގުރާމައާ ވަކި މައްސަލައެކެވެ.