ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް، ކުރިން ކަނޑައެޅި ތާރީޚަށްވުރެ އަވަހަށް ބޭއްވުމަށް އެ ޕާޓީގެ އާންމު މަޖިލީހުން ރޭ ވަނީ ފާސްކޮށްފިއެވެ.

ޕީއެންސީގެ އާންމު މެމްބަރުންގެ މަޖުލީހުގެ މިދައުރުގެ 2 ވަނަ ބައްދަލުވުން ރޭގައި ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި އެ ޕާޓީގެ ކޮންގްރެސް އަވަސްކުރަން ހުށަހެޅުއްވީ ރިޔާސަތުގައި އިންނެވި، ޕީއެންސީގެ ރައީސް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

މިގޮތަށް ހުށަހެޅުއްވީ ކުރިން ކޮންގްރެސް ބޭއްވުމަށް އޮކްޓޫބަރު މަހު ކަނޑައެޅި ތާރީޚު އޯލެވެލް އިމްތިހާނާ ދިމާވާތީކަމަށް މައުލޫމާތުއެނގޭ ޕީއެންސީގެ އާންމު މަޖިލީހުގެ މެމްބަރަކު ވިދާޅުވިއެވެ.

ރޭ ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކޮށްފައިވާއިރު، ކޮންގްރެސް ބާއްވާނެ އާ ތާރީޚެއް ކުރިއަށް އޮތް ތަނުގައި ރަސްމީކޮށް އިޢުލާން ކުރާނެ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.

18 އޭޕްރިލްގައި އއ. ރަސްދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އެ ޕާޓީގެ އާއްމު މެންބަރުން ކޮންގްރެސްއަށް ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ. ލޯކަލް އިންތިޚާބުގައި ތޮއްޑޫ އަދި މަތިވެރި ދާއިރާއިން ޕީއެންސީ ހޯދި ކާމިޔާބު ފާހަގަކުރަން ބޭއްވި މިޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ''މި ދަނޑިވަޅަކީ ޑިމޮކްރަސީގެ އުސޫލުތަކުގެ މަތިން ޕާޓީ ވަރުގަދަކުރުމަށް ފިޔަވަޅުތައް އަޅަަންވީ އެންމެ މުހިއްމު ދަނޑިވަޅު ކަމަށް'' ވިދާޅުވެއެވެ.

"އެހެންވީމާ ކުރިއަށް އޮތް މަސްތަކުގައި މި ރަށް ހިމެނޭހެން، މި ދާއިރާ ހިމެނޭހެން ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ ސަޕޯޓަރުން ކުރައްވަންވީ ކަމަކީ މި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް. އެއްކަމަކަށް ހުރިހާ ރަށެއްގެ ސްޓިއަރިން ކޮމިޓީތައް އިންތިހާބުކުރެވޭނެ. އަދި އެގޮތަށް އިންތިހާބުކުރެވޭ މުހިއްމު މަގާމުތަކެއް އަސާސީ ގަވާއިދުގައި ކަނޑައެޅިފައި އެބަހުރި،" ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ ކޮންގްރެެސްއާއެކު ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ފުޅާކޮށް ޕާޓީގެ އާއްމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ޕާޓީގެ ލީޑާޝިޕުން ވެސް ވަނީ 12 މެއި 2025 ބުނެފައެވެ.

ޕާޓީގެ ކޮންގްރެސްގެ ކުރިން ޕާޓީގެ ސްޓިއަރިން ކޮމިޓީތައް އެކުލަވައިލާ ދާއިރާތަކުގެ ރައީސުން އިންތިހާބުކުރަން ވަނީ ނިންމާފައެވެ.