ޕާޝިއަން ގަލްފުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެ، އެމެރިކާއާއި އީރާނާ ދެމެދު އޮތް ނާޒުކު ސުލްހައިގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.

މި ހަމަނުޖެހުންތައް ފެށުނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ މަސައްކަތުގައި އުޅުނު އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން، ބޮޓްސްވާނާގެ ދިދަ ޖަހާފައިވާ 'އެމް/ޓީ ލެކްސީ' ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހެލްފަޔަރ މިސައިލަކުން ހަމަލާދިނުމާ ގުޅިގެންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި މި އުޅަނދަށް ހަމަލާދިނީ އީރާނުގެ މައި ތެޔޮ ޓާމިނަލަށް ދަތުރުކުރަނިކޮށް ދިން 24 ގަޑިއިރުގެ އިންޒާރުތަކަށް އިޖާބަ ނުދިނުމުންކަމަށް ބުނެއެވެ.

Ad
rt

އެމެރިކާ ސިފައިން ވަނީ އީރާނުގެ އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ގިޝްމް އައިލެންޑަށް ވެސް ހަމަލާދީފައެވެ. މި ހަމަލާގައި އައި.އާރް.ޖީ.ސީގެ އަސްކަރީ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކާއި މުއާސަލާތީ ޓަވަރެއް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައިކަމަށް އެމެރިކާއިން ދައުވާކުރެއެވެ.

އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ވަނީ ކުވެއިތާއި ބަހްރޭނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް، ސެންޓްކޮމްއިން ބުނެފައި ވަނީ މި ހަމަލާތައް ނާކާމިޔާބުވެފައިވާކަމަށެވެ.

ކުވެއިތުގެ ކޭމްޕް އަރިފްޖާން އަދި އަލީ އަލް ސާލިމް އެއާބޭސްއަށް އަމާޒުކުރި މިސައިލްތައް ހަލާކުކޮށްލާފައިވާކަމަށާއި، އަދި ބަހްރޭނުގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މަރުކަޒަށް އަމާޒުކުރި ތިން މިސައިލެއް އެމެރިކާއާއި ބަހްރޭނުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހަލާކުކޮށްލާފައިކަމަށް ސެންޓްކޮމްއިން ބުންޏެވެ.

މި ކުރިމަތިލުންތަކާއެކު ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިންޒާރު ދެއްވި ގޮތުގައި، ގަލްފު ސަރަހައްދުގައި އެމެރިކާއިން ހިންގާ ހަރަކާތްތަކަކީ ސުލްހައިގެ އެއްބަސްވުމާ ހިލާފު ކަންކަމެވެ. އަނެއްކޮޅުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނުން އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ދޫދިނުމުން ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ނުދޭނެ ކަމަށެވެ. އޭޕްރިލް 13 އިން ފެށިގެން އެމެރިކާއިން ހިންގާ ކަނޑުގެ ބްލޮކޭޑްގެ ދަށުން މިހާތަނަށް 122 އުޅަނދެއްގެ މިސްރާބު ބަދަލުކޮށް، ހަ އުޅަނދެއް ވަނީ ހުއްޓުވާފައެވެ.