ކުޅިވަރު ކުޅޭ މައިދާންތަކާއި މަރުކަޒުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން އިޢުލާން ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

ރައީސް ވިދާޅުވީ ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި މުޖުތަމަޢެއް ކަމަށެވެ. އެހެންކަމުން، ހުރިހާ މާނައެއްގައި އިސްލާމީ އަސާސްތަކުގެ ޙަޤީޤަތުގެ މައްޗަށް މުޖުތަމަޢު ބިނާކުރުމަށްޓަކައި ކުޅިވަރުގެ މައިދާންތަކާއި މަރުކަޒުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ދާދި އަވަހަށް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުން

ކުޅިވަރު ކުޅެމުންދާއިރު ނަމާދު ވަގުތު ވަދެއްޖެ ހިނދެއްގައި، ބަންގި ގޮވާ ވަގުތުން ފެށިގެން ވަކި އިރެއް ވަންދެން ކުޅިވަރުކުޅުން ހުއްޓާލަންޖެހޭ ގޮތަށް ކަނޑައަޅުއްވައި، ކުރިއަށް އޮތް މަސްތަކުގައި އެކަން ތަންފީޒުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަންޖެހޭ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން؛ އެއީ 20 މިނެޓަށް ވިޔަސް،" ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅިވަރު ކުޅެން ތިއްބައި ނަމާދު ވަގުތު ޖެހިއްޖެ ނަމަ، ކުޅިވަރު މެދުކަނޑާލުމަށް ފަހު އެތަނެއްގެ ތެރޭގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަމާ މެދު މިހާރު މަޝްވަރާކުރެވި، ތަންފީޒުކުރުމާ ހަމައަށް އާދެވިފައިވާ ކަމަށެވެ. މީގެ ބޭނުމަކީ ކުޅިވަރު ކުޅެން ހުރެފައި ނަމާދު ވަގުތު ގެއްލުނަނުދީ، ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ސަރުކާރުން އަޅާ ހުރިހާ ކުޅިވަރު އިމާރާތްތަކެއްގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމުތައް ހިމެނޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.