ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އައި އައު އިންގިލާބީ ބަދަލަކާއެކު، މުޅިން އަލަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އާތްރޮސްކޮޕިކް ސާޖަރީތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފިއެވެ.

މި އައު ޓެކްނޮލޮޖީގެ އެހީގައި ކުރެވޭ އޮޕަރޭޝަންތަކުގައި ބޭނުންކުރަނީ އާދައިގެ އިންޖެކްޝަން ކައްޓެއްހާ ހަނި، އަދި ބޭނުން ގޮތަކަށް ލަނބާލެވޭ ކެމެރާއެކެވެ. މީގެ ސަބަބުން ހުޅުގެ އެތެރެ ބަލާލުމަށްޓަކައި ހަށިގަނޑުން ފަޅާލަންޖެހެނީ ވަރަށް ކުޑަ މިންވަރެކެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ކުރަމުން އައި އާތްރޮސްކޮޕިކް ސާޖަރީތަކާ އަޅާބަލާއިރު، މާ ކުޑަ ފެޅުމަކުން ކުރެވޭ އަދި ކުދި ހުޅުތަކުގެ ފަރުވާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

Ad
rt

މި ޚިދުމަތުގެ ސަބަބުން ބަލިމީހުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކީ، އެމްއާރްއައި (MRI) އެއް ނަހަދައި، ހުޅުތެރޭގެ ކާޓިލޭޖާއި ލިގަމެންޓަށް ލިބިފައިވާ ގެއްލުންތައް ވަގުތުން ދެނެގަނެވުމެވެ. މީގެ އިތުރުން، މި އައު އުކުޅުގެ ސަބަބުން ބަލިމީހާ އޮޕަރޭޝަނަށްފަހު ރަނގަޅުވާ މުއްދަތު ވަރަށް ބޮޑަށް އަވަސްވެގެންދާނެއެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދޭ ގޮތުގައި، މި ސާޖަރީއަކީ "ޑޭކެއަރ" ސާޖަރީއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ޚިދުމަތެކެވެ. އެހެންކަމުން ބަލިމީހާ ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ގިނަ ވަގުތުތަކެއް ހޮސްޕިޓަލުގައި ހޭދަކުރަން ނުޖެހި ފަރުވާ ހޯދުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ޒަމާނީ ފަރުވާ ރާއްޖޭގައި ތައާރަފުވުމަކީ ކުދި ހުޅުތަކުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުއްމީދެކެވެ.