ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ކައުންސިލް ކަޕް" ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.
ނެއްލައިދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ 2026 ޖުލައި 17 ވަނަ ދުވަހު ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުރި ޓީމުތަކާއި ކުލަބުތަކުން 2026 ޖޫން 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަންޖެހެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު، މުބާރާތުގެ ބައިވެރިވުމުގެ ފީ އާއި، އަހަރީ ފީގެ އިތުރުން ޓީމު ނުވަތަ ކުލަބުގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. ބައިވެރިވުމަށް އެދޭ ފޯމު ނެއްލައިދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގައި އަލަށް ބައިވެރިވާ ޓީމުތަކުން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ރަޖިސްޓްރީގެ ކަންކަން ފުރިހަމަކުރަންޖެހެއެވެ.
- ކައުންސިލްކަޕް ފުޓްބޯޅަ ގަވާއިދު
- ކައުންސިލްކަޕް ހޭންޑްބޯޅަ ގަވާއިދު
- ޓިމް އަދި ކުލަބް ރަޖިސްޓަރީ ފޯރމް
- މުބާރާތުގައި ބައިވެރިވާން އެދޭ ފޯރމް
މި މުބާރާތްތަކުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ފީތަކަކީ، ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޓީމަކުން 2,000 ރުފިޔާ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޓީމަކުން 1,000 ރުފިޔާއެވެ.
ނެއްލައިދޫ ކައުންސިލް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ކައުންސިލުން ހުށަހަޅާ ވާދައިގެ ތައްޓާއި، ޓްރޮފީ، ސެޓްފިކެޓް، މެޑަލް އަދި 50،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރަޕަށް ކައުންސިލުން ދޭ ރަމްޒީ ތައްޓާއި، ޓްރޮފީ، ސެޓްފިކެޓް، މެޑަލް އަދި 15،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
ހޭންޑްބޯޅަ ޗެމްޕިއަން އަށް ދިނުމަށް ނިންމާފައި ވަނީ ވާދައިގެ ތައްޓާއި، ޓްރޮފީ، މެޑަލް އަދި 25،000 ރުފިޔާ އެވެ، ހޭންޑްބޯލް ރަނަރަޕަށް ދިނުމަށް ނިންމާފައި ވަނީ ކައުންސިލުން ދޭ ރަމްޒީ ތައްޓާއި، ޓްރޮފީ، މެޑަލް އަދި 8،000 ރުފިޔާއެވެ.
މި މުބާރާތަކީ އެ ރަށުގެ ކުޅިވަރުގެ ރޫޙު އާލާކޮށް، ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!