އެމެރިކާގެ ކެލިފޯނިއާގެ އަރްކޭޑިއާ ސިޓީގެ މޭޔަރު އައިލީން ވަންގް، ޗައިނާ ސަރުކާރުގެ ޣައިރު ގާނޫނީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށް އިއުތިރާފުވެ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ފެޑެރަލް ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، އުމުރުން 58 އަހަރުގެ ވަންގް ވަނީ އެމެރިކާގެ ގާނޫނާ ހިލާފަށް ބޭރު ގައުމެއްގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމުގެ ދައުވާއަށް އިއުތިރާފުވުމަށް އެއްބަސްވެފައެވެ.

އެފް.ބީ.އައިގެ ޑައިރެކްޓަރު ކޭޝް ޕަޓޭލް ވިދާޅުވި ގޮތުގައި، ވަންގް ވަނީ 2020 އިން 2022 އާ ދެމެދު ޗައިނާގެ މަސްލަހަތު ކުރިއެރުވުމަށާއި އެ ގައުމުގެ ޕްރޮޕެގެންޑާ ފެތުރުމަށް މަސައްކަތް ކުރި ކަމަށް އިއުތިރާފުވެފައެވެ. މި ކުށަށް ގިނަވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ. ވަންގް އަކީ 2022 ވަނަ އަހަރު އަރްކޭޑިއާ ސިޓީ ކައުންސިލަށް އިންތިޚާބުވެ، މިއަހަރުގެ ފެބްރުއަރީ މަހު މޭޔަރުކަމާ ހަވާލުވި ބޭފުޅެކެވެ.

Ad
rt

ޗައިނާގެ ނުފޫޒު ފެތުރުމަށް ކުރި މަސައްކަތްތައް

ކޯޓު ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، ވަންގް ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ މައިކް ސަންއާ ގުޅިގެން 'ޔޫ.އެސް ނިއުސް ސެންޓަރު' ގެ ނަމުގައި ވެބްސައިޓެއް ހިންގައި، ޗައިނާ ސަރުކާރުގެ އިރުޝާދުގެ ދަށުން ލިޔުންތައް ޝާއިރުކޮށްފައެވެ. މީގެ ތެރޭގައި ޝިންޖިއާން ސަރަހައްދާ ގުޅޭގޮތުން ޗައިނާ ސަރުކާރުން ފޮނުވި ލިޔުންތައް ހިމެނެއެވެ. އެއް ފަހަރަކު ޗައިނާގެ އޮފިޝަލަކު ކުރި މެސެޖަކަށް ޖަވާބު ދެމުން ވަންގް "ޝުކުރިއްޔާ ލީޑަރު" އޭ ބުނެފައިވާ ކަމަށްވެސް ތަހުގީގަށް ވަނީ އެނގިފައެވެ.

އަރްކޭޑިއާގެ ސިޓީ މެނޭޖަރު ޑޮމިނިކް ލަޒަރެޓޯ ވިދާޅުވީ، ބޭރު ގައުމަކުން އިންތިޚާބީ މަގާމެއްގައި ހުރި މީހަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް، ވަންގްގެ މި އަމަލުތަކަކީ އޭނާ މަގާމުގެ ހުވާ ކުރުމުގެ ކުރިން ހިނގާފައިވާ ކަންތައްތަކެއް ކަމަށާއި، ސިޓީގެ ފައިސާއެއް ނުވަތަ ނިންމުމެއްގައި މިކަމުގެ އަސަރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަންގްގެ ފަސްފަހަތް

ޗައިނާއިން ހިޖުރަކޮށްފައިވާ ވަންގް އަކީ އެމެރިކާގައި ދިރިއުޅޭތާ ތިން ދަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހެކެވެ. ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން އޭނާ އަކީ އަރްކޭޑިއާގައި ކުދިން ކިޔަވައިދޭ މަރުކަޒެއް ހިންގި މީހެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ މައިކް ސަން އަށް ވެސް ވަނީ ޗައިނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ކުށުގައި މިއަހަރުގެ ކުރީކޮޅު ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާއިން ދަނީ އެމެރިކާގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށާއި، ޖާސޫސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ޗައިނާ ސަރުކާރުން އަބަދުވެސް މިފަދަ ތުހުމަތުތައް ދޮގުކުރެއެވެ. ވަންގްގެ ވަކީލު ބުނީ، ވަންގް އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހެދުނު ގޯސްތަކަށް މާފަށް އެދޭ ކަމަށެވެ.