ރާއްޖޭގެ މާލީ ހޭލުންތެރިކަމުގެ ރަސްމީ ބްރޭންޑް އައިޑެންޓިޓީ އާއި މަސްކޮޓް ފަރުމާކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފްތިތާހުކޮށްފިއެވެ.
މި އިނީޝިއޭޓިވްގެ މައިގަނޑު މަގްސަދަކީ މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭނެ، ވަރުގަދަ އަދި ފާހަގަކުރަން ފަސޭހަ ގައުމީ އައިޑެންޓިޓީއެއް ގާއިމުކުރުމެވެ.
މި މުބާރާތުގެ ދަށުން ފަރުމާކުރަން ޖެހެނީ ޒިންމާދާރު މާލީ އާދަތަކަށް ބާރުއަޅާ، އަދި މާލީ ގޮތުން ރަނގަޅު ނިންމުންތައް ނިންމުމަށް އާންމުން ބާރުވެރިކުރުވާނެ ފަދަ ފުރިހަމަ ބްރޭންޑިންގ ސިސްޓަމެކެވެ. މީގެ ތެރޭގައި ލޯގޯ ސިސްޓަމް، ކުލަ ޕެލެޓް، ޓައިޕޮގްރަފީ، އަދި މާލީ ހޭލުންތެރިކަމުގެ ހަރަކާތްތަކުގައި ހަރަކާތްތެރިވާނެ މަސްކޮޓެއް ހިމެނެންވާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
މި ބްރޭންޑާއި މަސްކޮޓް މެދުވެރިކޮށް، ފައިސާ ރައްކާކުރުމާއި، ބަޖެޓް ކުރުމާއި، ޑިޖިޓަލް ފައިނޭންސް އަދި ޒިންމާދާރުކަމާއެކު ފައިސާ ބެލެހެއްޓުން ފަދަ މުހިންމު ދާއިރާތަކުން މުޖުތަމައު ހޭލުންތެރިކުރުވުމަށް އެމްއެމްއޭ އިން ވަނީ އަމާޒު ހިފާފައެވެ. ޚާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މި މަސްކޮޓް ބޭނުންކުރެވޭނެއެވެ.
މި މުބާރާތަކީ ދިވެހި ފަރުދުންނަށާއި، ގްރޫޕްތަކަށް އަދި ކުންފުނިތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މުބާރާތެކެވެ. ފަރުމާކުރާ ބްރޭންޑަކީ ދިވެހިވަންތަ، ނަމަވެސް ޒަމާނީ އަދި ހުރިހާ އުމުރުފުރައަކަށް ވެސް ގުޅޭ ފަރުމާއަކަށް ވާންޖެހޭނެއެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް 14 ޖޫން 2026 ގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. މުބާރާތުގެ ފުރިހަމަ އުސޫލުތަކާއި މައުލޫމާތު އެމްއެމްއޭގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!