މިދިޔަ ހަފުތާގައި އިނގިރޭސިވިލާތުގައި ބޭއްވި އިންތިޚާބުތަކުން ލޭބަރ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ކީރް ސްޓާމަރ އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ 50 އަށްވުރެ ގިނަ މަޖިލިސް މެންބަރުން ގޮވާލައްވައިފިއެވެ.

ހޯމަ ދުވަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ކީރް ސްޓާމަރ މަގާމުން ވަކިވުމަށް އެދި ޕާޓީގެ ތެރެއިން ދަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންނެވެ. ނަމަވެސް، ހޯމަ ދުވަހުގެ ކުރީކޮޅު ދެއްވި ތަޤުރީރެއްގައި ސްޓާމަރ ވިދާޅުވީ، އޭނާ މަގާމުން ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށާއި، ޤައުމު ހައިޖާނުގަނޑެއްގެ ތެރެއަށް ދޫކޮށްނުލައްވާނެ ކަމަށެވެ.

Ad
rt

ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް އެންމެ ފަހުން ގޮވާލެއްވި ބޭފުޅުންގެ ތެރޭގައި ހޭލްސޯވެން ދާއިރާގެ މެންބަރު އެލެކްސް ބެލިންޖަރ އަދި ގަވާރ ދާއިރާގެ މެންބަރު ޓޯނިއާ އެންޓޯނިއާޒީ ހިމެނެއެވެ. ނޮދަން އަޔަލޭންޑް ސެލެކްޓް ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ އެންޓޯނިއާޒީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓާމަރ ތަރުތީބުވެގެންވާ ގޮތެއްގެ މަތިން މަގާމުން އެކަހެރިވާންވީ ވަގުތު ޖެހިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން މެންބަރު ބެލިންޖަރ ވިދާޅުވީ، ދާއިރާގެ ރައްޔިތުންގެ އިތުބާރު ބޮޑުވަޒީރަށް ގެއްލިފައިވާކަން ސާފުވާ ކަމަށާއި، ޕާޓީއަށް އާ ލީޑަރަކު ބޭނުންވާ ކަމަށެވެ.

ލޭބަރ ޕާޓީގެ ބެކްބެންޗަރެއް ކަމަށްވާ ބެލް ރިބެއިރޯ-އަޑީ ވިދާޅުވީ ބޮޑުވަޒީރުގެ އަތްޕުޅުގައި އިތުބާރު ހުރި ޕްލޭނެއް ނެތް ކަމަށާއި، މަގާމުން ވަކިވާނެ ތާވަލެއް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި ލޭބަރ އެމްޕީންގެ 'ގްރޯތު ގްރޫޕް' ގެ ލީޑަރު ކްރިސް ކާޓިސްވެސް ވަނީ ސްޓާމަރ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

ލަންޑަނުގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ސްޓާމަރ ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ވަރަށް ހިތްދަތި ކަމަށާއި، އެކަމުގެ ޒިންމާ އޭނާ ފުރިހަމައަށް އުފުއްލަވާ ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި އޭނާއާ މެދު ޝައްކު އުފެދިފައިވާ މެންބަރުން ތިބިކަން ގަބޫލުކުރައްވާ ކަމަށާއި، އެ ބޭފުޅުންނަށް އޭނާގެ ގާބިލުކަން ސާބިތުކޮށްދެއްވާނެ ކަމަށްވެސް ސްޓާމަރ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ލޭބަރ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އެންޖެލާ ރޭނާ ވިދާޅުވީ، ބޮޑުވަޒީރުގެ ބަހަށްވުރެ ބޮޑަށް ބަލާނީ އަމަލަށް ކަމަށެވެ. އަދި ޕާޓީން ސަސްޕެންޑްކޮށްފައިވާ ކާލް ޓާނާ ވިދާޅުވީ، ބޮޑުވަޒީރުގެ ވާހަކަފުޅުތަކުން ޤައުމަށް ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

މިދިޔަ ހަފުތާގައި ބޭއްވުނު އިންތިޚާބުތަކަކީ 2024 ވަނަ އަހަރުގެ އާންމު އިންތިޚާބަށްފަހު ބޭއްވުނު އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގައި ލޭބަރ ޕާޓީއަށް ވޭލްސްގެ ސެނެޑް އިން ތާރީޚީ ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނުއިރު، ރިފޯމް ޔޫކޭ ޕާޓީން ވަނީ 1,450 އަށްވުރެ ގިނަ ކައުންސިލް ގޮނޑި ކާމިޔާބުކޮށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.