ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅުވައިގެން، ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަނުން އިސްނަގައިގެން ޚާއްޞަ ބަހުސެއް ކުރިއަށް ގެންގޮސްފިއެވެ.

ރޭ ބޭއްވި މި ބަހުސްގެ ސެޝަން ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

Ad
rt

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސް (އެފްއެޗްއެސް)ގައި ކުރިއަށްދިޔަ މި ބަހުސް ސެޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒްގެ ރައީސާ މަރިޔަމް ނިޔާން އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަންގެ ރައީސާ އާމިނަތު ޒީނިޔާއެވެ.

ނަރުހުންގެ ދުވަހާއި ގުޅުވައިގެން ބަހުސް ކުރިއަށް ގެންދަނީ، ފޮޓޯ: ރައީސް އޮފީސް

މި ބަހުސްގެ މައުލޫއަކީ، "ދިވެހިރާއްޖޭގައި ނަރުސްކަމުގެ ދާއިރާއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ." މިއެވެ. ދެ ޓީމަކުން ކުރިއަށް ގެންދިޔަ މި ބަހުސްގައި ޓީމް-އޭއިން މައުލޫއާ އެއްކޮޅަށް ބަހުސްކުރިއިރު، ޓީމް-ބީއިން ބަހުސްކުރީ މައުލޫއާ ދެކޮޅަށެވެ.

މި ސެޝަންގައި ރާއްޖޭގެ ނަރސިންގް ދާއިރާއިން ކުރިއަށް ދިއުމާ، މި ދާއިރާ އިތުރަށް ފުޅާކޮށް، އާ ފުރުސަތުތަކެއް ހޯދައިދިނުމުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާފައިވެއެވެ.

މި ބަހުސްގައި ދާއިރާގެ ޢަމަލީ އަދި ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއިރު، ދާއިރާގެ ގިނަ ޢަދަދެއްގެ ބޭފުޅުން ބަހުސް އަޑުއެހުމަށް ބައިވެރިވެލެއްވިއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 12 ވަނަ ދުވަހެވެ.